ޖަޕާނުގައި އުފަންވާ ކުދިންގެ ނިސްބަތް އަނެއްކާވެސް ދަށަށް

ގިނަ އަހަރުތަކެއް ވަންދެން ވަރަށް ބޮޑަށް ދަށްވެފައިވާ ޖަޕާނުގައި ތުއްތު ކުދިން އުފަންވާ ނިސްބަތް އަނެއްކާވެސް ވަނީ ރެކޯޑް އަދަދަކަށް ދަށްވެފައި. ފޮޓޯ/ސީއެންއެން

ގިނަ އަހަރުތަކެއް ވަންދެން ވަރަށް ބޮޑަށް ދަށްވެފައިވާ ޖަޕާނުގައި ތުއްތު ކުދިން އުފަންވާ ނިސްބަތް އަނެއްކާވެސް ރެކޯޑް އަދަދަކަށް ދަށްވެއްޖެއެވެ.

އެހެންވެ، ޖަޕާނުގެ ޒުވާނުން ކައިވެނިކޮށް އާއިލާ ބިނާކުރުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އަންނަނީ އިތުރު ކުރަމުންނެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބާ އެންޑް ވެލްފެއާ އިން ހުކުރު ދުވަހު އާންމުކުރި އާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 123.9 މިލިއަން މީހުން ދިރިއުޅޭ އެ ގައުމުގައި މިދިޔަ އަހަރު ވިހެއީ އެންމެ 727،277 މީހުންނެވެ. އެއާއެކު ދަރިމައިވުމުގެ ނިސްބަތް 1.26 އިން 1.20 އަށް ވަނީ ދަށްވެފައެވެ.

އާބާދީއެއް އެއްވަރެއްގައި ދެމެހެއްޓުމަށްޓަކައި ކުދިން އުފަންވާ ނިސްބަތް ހުންނަންޖެހޭ ރޭޓަކީ 2.1 އެވެ. އެ ނިސްބަތް އެއަށްވުރެ މަތިވެއްޖެނަމަ، އިންޑިއާއާއި އެފްރިކާގެ ގިނަ ގައުމުތަކުން ފެންނަ ފަދައިން، ކުޑަކުދިންނާއި ޒުވާން އަދި ދުވަސްވީ މީހުންގެ އާބާދީ އިތުރުވެއެވެ.

ނަމަވެސް ޖަޕާނުގައި ކުދިން އުފަންވާ ނިސްބަތް ހުރީ 2.1 އަށްވުރެ މާ ދަށުގައެވެ. އަދި އެ ނިސްބަތް ދަށްވެފައި އޮންނަތާ ބައި ގަރުނުވެދާނެ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފާއިތުވި އަހަރުތަކުގައި އެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކޮންމެ އަހަރަކު ވިހެއުމަށްވުރެ މަރުވާ މީހުންގެ އަދަދު އިތުރުވެ، ޖުމްލަ އާބާދީ ވަނީ މަދުވެފައެވެ.

ޖަޕާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި 1.57 މިލިއަން މީހުން ވަނީ މަރުވެފައެވެ. އެއީ އެ އަހަރު އުފަންވީ މީހުންގެ ދެގުނައެވެ.

މިދިޔަ އަހަރު ކައިވެނި ކުރި މީހުންގެ އަދަދު 30،000 ދަށްވިއިރު، ވަރިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޖަޕާނުގައި އާބާދީ ދަށްވުމުގެ ސަބަބުން ފަޅުވެފައިފާ ގެތަކުގެ އަދަދުވެސް އިތުރުވެ، އެ އަދަދު ވަނީ ނުވަ މިލިއަނަށް އުފުލިފައެވެ.

އާބާދީ ދަށްވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުޑަކުދިން ބަލަހައްޓާ ތަންތަން އިތުރުކުރުމާއި، ބެލެނިވެރިންނަށް ބޯހިޔާވަހިކަމުގެ ސަބްސިޑީ ދިނުމާއި، ބައެއް ސަރަހައްދުތަކުގައި ދަރިން ހޯދުމަށް ދެމަފިރިންނަށް ފައިސާ ދިނުން ފަދަ ކަންކަން ވަނީ ފަށައިފައެވެ.

އެ މައްސަލަ ހައްލު ކުރުމަށް ވެރިރަށް ޓޯކިޔޯގައި ސަރުކާރުން ވަނީ ޑޭޓިން އެޕެއް ވެސް ތައާރަފްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް