ކަންގަނާއަށް ހަމަލާ ދިން އޮފިސަރަށް ވިޝާލްގެ ހުށަހެޅުމެއް

ބަތަލާ ކަންގަނާ ރަނާވަތު އަދި މިއުޒިކް ކޮމްޕޯސަ ވިޝާލް ދަދްލާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ބުރާސްފަތި ދުވަހު ޗަންދީގަރުގެ އެއަޕޯޓުގައި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނަވާތުގެ ކަންކަށިމަތީ ޖެހި އަންހެން އޮފިސަރުގެ ދިފާއުގައި އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަ ވިޝާލް ދަދްލާނީ ވާހަކަ ދައްކައިފިއެވެ.

މި ހާދިސާއާ ގުޅިގެން ވިޝާލްގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ތާއީދު ނުކުރާ ކަމަށާއި އެހެން ނަމަވެސް ކަންގަނާގެ ކަންކަށިމަތީ ޖެހި އޮފިސަރު ރުޅި އިސްކުރި އިސްކުރުމަކީ ޒާތީ މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އޭނާގެ ރުޅިގަނޑު ކޮންމެވެސް ވަރަކަށް އިހުސާސް ކުރެވޭ ކަމަށެވެ.

ކަންގަނާއަށް ތާއީދުކޮށް ވާހަކަ ދެއްކި މީހުންނަށް ރައްދު ދެމުން ވިޝާލް ވަނީ ކަންގަނާއަށް ތާއީދުކުރާ މީހުންގެ މައިންބަފައިންނާ ބެހޭގޮތުން ބަތަލާ ބަދު ބަހެއް ބުނެފިނަމަ ހިމޭނުން ތިބެދާނެތޯ ސުވާލުކޮށްފައެވެ. އެއަޕޯޓުގައި ކަންގަނާއަށް ހަމަލާދިން ކޮންސްޓަބަލް ކުލްވިންދަރު ކޯރުގެ ވަޒީފާ ގެއްލިއްޖެނަމަ އޭނާއަށް ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ދެމުން ވިޝާލް އިންސްޓަގްރާމްގައި އެދިފައި ވަނީ ކުލްވިންދަރުއާ ގުޅޭނެ ގޮތެއް ހޯދައި ދިނުމަށެވެ.

ކަންގަނާ ރަނާވަތު އަދި ބަތަލާއަށް ހަމަލާދިން އޮފިސަރު--ފޮޓޯ/ފޭސްބުކް
ބީޖޭޕީގެ ޓިކެޓުގައި އިންޑިއާގެ ލޯކް ސަބާއަށް ވާދަކޮށް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑި ކަންގަނާ ކާމިޔާބުކޮށްފައި ވާއިރު ބަތަލާއަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅިގެން މެސެޖުތައް ފޮނުވާފައެވެ.

އެހެންނަމަވެސް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ކަންގަނާގެ ހާލު އަހުވާލު ވެސް ނުބަލާ މި މައްސަލައިގައި ހިމޭނުން ތިބީތީ ކަންގަނާ ވަނީ ފިލްމީ ތަރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކަންގަނާގެ ކަންކަށިމަތީގައި ޖެހި މައްސަލައާ ގުޅިގެން (ސީއައިއެސްއެފް)ގެ އަންހެން ކޮންސްޓަބަލް ކުލްވިންދަރު ކޯރް ވާނީ ސަސްޕެންޑްކޮށްފައެވެ.

comment ކޮމެންޓް