އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް ބަތަލާ އާލިއާ ބަޓްގެ ކުރިއަށް އޮތް ސްޕައި ފިލްމުގެ ސެޓުގައި ވަރަށް ވަރުގަދައަށް ސެކިއުރިޓީން ފޯރިމަރަމުންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމު ކުންފުނި ކަމަށްވާ ޔަޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ މި ފިލްމުގެ މުމްބާއީގެ ޝޫޓިން ޖުލައި މަހު ފަށަން ނިންމާފައިވާ ކަމަށް ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ. ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމުގައި އާލިއާގެ އެކްޝަން ސީންތަކެއް ހިމެނޭއިރު މި ސީންތަކަށް އާލިއާ ޚާއްސަ ތަމްރީނުތައް ފުރިހަމަކުރަން ވަނީ ނިންމާފައެވެ.
މުމްބާއީގެ ޝެޑިއުލްގެ މަސައްކަތް ފެށުމުގެ ކުރިން ފިލްމު ސެޓުގެ އެއްވެސް މަންޒަރެއް ލީކުވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ލިބިދާނެތީ އެކަމާ ކަންބޮޑުވާ ކަމަށް ވައިއާރްއެފްއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މުމްބާއީ ޝެޑިއުލްތައް ކުރިޔަށްދާ ސަރަހައްދުތަކުގެ ސެޓުތަކުގެ ސެކިއުރިޓީ ދެގުނަ ވަރުގަދަ ކުރުމަށް އެ ކުންފުނިން ނިންމާފައިވާއިރު ފިލްމު ސެޓުގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ނެގުން ވެސް މުވައްޒަފުންނަށް މަނާކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ފިލްމުގެ މުމްބާއީ ޝެޑިއުލް ނިންމާލުމަށްފަހު އާލިއާ ބަޓް އަދި ފިލްމުން ދެން ފެންނާނެ ބަތަލާ ޝަރުވަރީ އިނގިރޭސިވިލާތުގެ ޝެޑިއުލް ފުރިހަމަކުރުމަށް ފުރަން ވަނީ ހަމަޖެހިފައެވެ. މި ދެތަރިންގެ އިތުރުން އިނގިރޭސިވިލާތުގައި ކުރިޔަށްދާ ޝެޑިއުލްގައި އަނިލް ކަޕޫރު ވެސް ބައިވެރިވާނެއެވެ. މި ފިލްމުގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް މިހާތަނަށް ވައިއާރްއެފްއިން ހާމަކޮށްފައެއް ނެތެވެ.