ފަލަސްތީނަށް އެހީވުމަކީ އަޚުލާޤީ އަދި ދީނީ ވާޖިބެއް: ޚުތުބާ

ފަލަސްތީނުގެ ނިކަމެތި އާންމުން ކާބޯތަކެއްޗަށް އަތް ދިށްކޮށްގެން: ފޮޓޯ/ އެޕީ

ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެ މީހުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

ފަލަސްތީނަށް އެހީވުމާ ގުޅޭ ގޮތުން މިއަދުކީ ޚުތުބާގައި ބުނީ، މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަޚުލާޤީ ވާޖިބުތަކެއްވާ ކަމަށެވެ.

"ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަންޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެކެވެ،" ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި ހަމްދަރުދީއާއި އުޚުއްވަތްތެރިކަން ބިންވަޅުނެގިފައިވާ ކަމަށެވެ. އަދި، ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލަން ހިންގާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެއެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ

"އެ ކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ،" ޚުތުބާގައި ބުންޏެވެ.

މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުނިޔަވީ އެދުން އިސްކޮށް، މަރު ދެކެ ބިރުގަނެ އަބަދު ދުނިޔޭގައި އުޅުމަށް ދަހިވެތިވެއްޖެެ ނަމަ، މުސްލިމުން ބަލިކަށިވެގެންދާނެކަން ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ. އަދި، މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި ﷲ އަށް އީމާންވެ، ޤުރުއާނާއި ސުންނަތުގައި ހިފައިގެން ކަމަށް ވެސް ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ބުނީ، ޣައްޒާއާއި ރަފަޙްގެ އިތުރުން ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޔަހޫދީން ހިންގާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ހިންގާ ޖަރީމާތަކެއް ކަމަށެވެ.

މި ޖަރީމާތައް ހިންގަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާ ޚިލާފަށް ކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މި ޢުދުވާންތަކުގައި ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި އެތައް ހާސް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެފައިވާކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް