އދ ގެ ސަލާމަތީ މަޖިލީހަށް ފަސް ގައުމެއް އިންތިޚާބުކޮށްފި

އދ ގެ ސަލާމަތީ މަޖިލީސް. އެ މަޖިލީހަށް ދާއިމީ ނޫން ފަސް ގައުމެއް ވަނީ އިންތިހާބުކޮށްފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

އަންނަ އަހަރު ޖެނުއަރީން ފެށިގެން ދެ ދައުރަށް އިންތިޚާބުކުރާ އދ.ގެ ސަލާމަތީ މަޖިލީހަށް ފަސް ގައުމެއް އިންތިހާބުކޮށްފިއެވެ.

އެ ގައުމުތަކަކީ ޑެންމާކް، ގްރީސް، ޕާކިސްތާން، ޕެނަމާ، އަދި ސޯމާލިއާއެވެ. އެއީ، ދާއިމީ ނޫން ގައުމުތަކެކެވެ.

އެ ގައުމުތައް އިންތިޚާބުކޮށްފައިވަނީ އިކުއެޑޯ، ޖަޕާން، މޯލްޓާ، މޮޒެމްބިކް އަދި ސްވިޒަލޭންޑްގެ ބަދަލުގައެވެ. މަޖިލީހަށް އިންތިޚާބުވުމަށް ސޯމާލިއާއަށް 179 ވޯޓު، ޕާކިސްތާނަށް 182، ޕެނަމާއަށް 183، ގްރީސްއަށް 182 އަދި ޑެންމާކަށް 184 ވޯޓު ލިބިފައިވެއެވެ.

އާ ދައުރުގެ މެންބަރުން މަސައްކަތްކުރާނީ 1 ޖެނުއަރީ، 2025 އިން ފެށިގެން 31 ޑިސެމްބަރު، 2026 އަށެވެ.

މީގެ ކުރިން ޕާކިސްތާނުން ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރެއްގެ ގޮތުގައި ހަތް ފަހަރު މަސައްކަތްކޮށްފައެވެ. ޕެނަމާއިން ފަސް ފަހަރު މަސައްކަތްކޮށްފައިވާއިރު، ޑެންމާކުން ހަތަރު ފަހަރު އަދި ގްރީސްއިން ދެ ފަހަރު ސަލާމަތީ މަޖިލީހުގައި މަސައްކަތްކޮށްފައިވެއެވެ. ސޯމާލިއާއިން އެ މަޖިލީހުގައި މަސައްކަތްކޮށްފައިވަނީ އެއް ފަހަރުއެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދިނުން ފަދަ ގާނޫނީ ގޮތުން ބާރުވެރި ނިންމުންތައް ނިންމޭނެ އދގެ ހަމައެކަނި މަޖިލީހަކީ ސަލާމަތީ މަޖިލީހެވެ. އެ މަޖިލީހުގައި ދާއީމީކޮށް ވީޓޯކުރެވޭ ފަސް ގައުމެއް ހިމެނެއެވެ. އެ ގައުމުތަކަކީ އިނގިރޭސިވިލާތް، ޗައިނާ، ފަރަންސޭސިވިލާތް، ރަޝިއާ އަދި އެމެރިކާއެވެ.

ބާކީ 10 މެންބަރުން އިންތިޚާބުކުރާއިރު، ކޮންމެ އަހަރަކު ވެސް އާ ފަސް މެންބަރުން މަޖިލީހާ ގުޅެއެވެ.

ސަރަހައްދީ ގްރޫޕްތައް ހިމެނޭހެން ސަލާމަތީ މަޖިލީހަށް ގައުމުތައް އިންތިޚާބުކުރާއިރު، އެފްރިކަން ގްރޫޕަށް ދެ ގޮނޑި، އޭޝިއާ ޕެސިފިކް ގްރޫޕަށް އެއް ގޮނޑި، ލެޓިން އެމެރިކަން އެންޑް ކެރިބިއަން ގްރޫޕަށް އެއް ގޮނޑި އަދި އިރުމަތީ ޔޫރަޕްގެ ގްރޫޕަށް އެއް ގޮނޑި ދޫކުރެއެވެ.

comment ކޮމެންޓް