އެއާޕޯޓު އޮފިސަރަކު ކަންގަނާގެ ކަންކަށި މަތީ ޖަހައިފި

ދާދި ފަހުން ސިޔާސީ މައިދާނުގައި ކުރި ހޯދި ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތުގެ ކަންކަށި މަތީ އެއަޕޯޓުގައި މަސައްކަތްކުރާ އަންހެން އޮފިސަރަކު ޖަހައިފިއެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ޤާނޫނޫ ހަދާ މަޖިލީހުގެ ތިރިގޭގެ ގޮނޑިއެއް ކާމިޔާބުކުރި ބަތަލާއަށް މި ހަމަލާ ދީފައިވަނީ އިންޑިއާގެ ޗަންދީގަރުން ނިއު ދިއްލީއަށް ދިއުމަށް އެއާޕޯޓުގައި ޗެކިންކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. ކަންގަނާގެ މޫނުމަތީގައި ޖެހި އޮފިސަރަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)ގެ ކޮންސްޓަބްލް އޮފިސަރެކެވެ.

އެންޑީޓީވީއާ އިންޑީއާ ޓުޑޭގައި ބުނެފައިވާގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ އެއަޕޯޓު ޗެކިން ކުރުމުގެ ތެރޭ ސެކިއުރިޓީ ޕްރޮޓޮކޯލްގައިވާ ގޮތަށް އަމަލުކުރަން ކަންގަނާ ދެކޮޅު ހެދުމުންނެވެ. އެގޮތުން ސެކިއުރިޓީންގެ އެދުމުގެ މަތިން ކަންގަނާގެ ފޯނާއި އަތް ދަބަސް ޓްރޭއަށްލާން ބަތަލާ ވަނީ ދެކޮޅު ހަދާފައެވެ.

ބަތަލާ ކަންގަނާ ސިޔާސީ ކެމްޕޭންގެ ހަރަކާތެއްގެ ތެރެއިން އާއްމުންގެ މީހަކާއެކު ފޮޓޯއަކަށް ހުއްޓިގެން--ފޮޓޯ/އެންޑީޓީވީ

ސީއައިއެސްއެފްގެ އޮފިސަރު ކުލްވިންދަރު ކޯރު ވަނީ ކަންގަނާގެ ކަންކަށިމަތީ ޖެހުމަށް ފަހު ބަތަލާ އިންޑިއާގެ ދަނޑުވެރިންނަށް ވަރަށް އިހުތިރާމު ކުޑަގޮތަކަށް ބަސް ބުނެފައިވާ ކަމަށް ވެސް ބުނެފައެވެ. މި މަންޒަރު ހިނގި ގޮތުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ދައުރުވާން ފަށާފައެވެ.

ފަނަރަ މަސް ދުވަސް ވަންދެން އިންޑިއާގެ ޕަންޖާބް، ހަރިޔާނާ އަދި އެހެނިހެން ސްޓޭޓްތަކުގެ މީހުން އެއްވެ ކުރި މުޒާހަރާތައް ނިންމާލިއިރު ދަނޑުވެރިކަމާ ގުޅުންހުރި ވަރަށް ގިނަ ޤާނޫނުތައް ވަނީ އުވައިލާފައެވެ. މި މުޒާހަރާތަކުގައި މިނިމަމް ސަޕޯޓް ޕްރައިސް (އެމްއެސްޕީ)ގެ ޤާނޫނީ ގެރެންޓީ ދިނުމަށް ގޮވާލާ ދަނޑުވެރިކަން ކޯޕަރަޓައިޒް ކުރުމާ މެދު ދަނޑުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަންގަނާއަށް އެއަޕޯޓު ތެރޭ ދިން ހަމަލާއާ ގުޅިގެން ނެރުނު ސްޓޭޓްމެންޓެއްގައި ބަތަލާ ބުނެފައިވަނީ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އިންޑިއާގެ ޕަންޖާބުގައި ޓެރަރިޒަމުގެ އަމަލުތައް އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އެ ކަމަށް އަވަސް ހައްލެއް ހޯދުމާ މެދު ވަރަށް ސީރިއަސްކަމާ އެކު ވިސްނުމުގެ ވަގުތު ޖެހިއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކަންގަނާގެ ކަންކަށި މަތީ ޖެހި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލައިދިނުމަށް ކަންގަނާގެ ޓީމުން ވަނީ އެދިފައެވެ.

comment ކޮމެންޓް