ޑައިވިނުން އެރިތަނާ ހާލު ދެރަވެގެން ފަތުރުވެރިއަކު މަރުވެއްޖެ

ނިޔާވި ޗައިނާގެ ފަތުރުވެރިޔާ ފުވައްމުލަކަށް ގެންދަނީ ---

ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވީ ޗައިނާގެ އުމުރުން 70 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އެ މީހާ ޑައިވްކޮށް ނިންމާލުމަށް ފަހު ދޯންޏަށް އަރާ ބެލްޓްތައް ނައްޓަން އުޅުމުގެ ތެރޭގައި ހޭނަތުނީ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ. އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އޭނާ އަކީ ފުވައްމުލަކު ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިނަށް ދިޔަ މީހެކެވެ.

ފުލުހުން ބުނީ، ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމައި ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 11:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ޔަގީންކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް