އަހަރުގެ މިހާތަނަށް ދަރަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައްކައިފި

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު: ދައުލަތުން ވަނީ ލޯނު އަނބުރާ ދެއްކުމަށް އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އަހަރުގެ މިހާތަނަށް، ދައުލަތުގެ ލޯންތަކަށް އެއް ބިލިއަން ރުފިޔާ އަނބުރާ ދައްކައިފިއެވެ.

ސަރުކާރުގެ ޚަރަދާއި އާމްދަނީ ބަޔާންކޮށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 14.8 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު 12 ބިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 2.6 ބިލިއަން ހިމެނެއެވެ.

އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 14.1 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން 17.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި މުސާރައާއި ސަބްސިޑީތައް ހިމެނޭ ގޮތަށް ކޮށްފައިވާ ރިކަރަންޓް ޚަރަދަށް ދިޔަ 13.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އެގޮތުން އާސަންދައަށް 823 މިލިއަނާއި ސަބްސިޑީތަކަށް 1.6 ބިލިއަން ހިމެނެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ތެރޭގައި ދައުލަތުން 19.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި ރިކަރަންޓު ޚަރަދަށް ދިޔަ 13.1 ބިލިއަން ރުފިޔާ ހިމެނެއެވެ.

އެ މުއްދަތުގައި ކެޕިޓަލް ޚަރަދަށް ހަ ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު، މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެ އަދަދު ހުރީ 3.5 ބިލިއަން ރުފިޔާގައެވެ.

މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލޯނުތައް އަނބުރާ ދައްކަން 2.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މިދިޔަ މަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުން ސަރުކާރާއި ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި ގޮތުން، އެހީ ދިނުމަށް ބޭރުގެ މާލީ ބައެއް އިދަރާތަކުން ފަސްޖެހޭކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

https://sun.mv/192636

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ.

comment ކޮމެންޓް