ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި ގޮތުން، އެހީ ދިނުމަށް ބޭރުގެ މާލީ ބައެއް އިދަރާތަކުން ފަސްޖެހޭކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ހަ މަހު އެ ވުޒާރާގެ ކަންކަން ގޮސްފައި ވާގޮތް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގް ވިދާޅުވީ، ދަރަނި ހުރި ގޮތުން، އެހީ ދިނުމުގެ ކުރިން ބައެއް ކަންކަން ރަނގަޅުކުރަން ރާއްޖެއަށް އަންގާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އަންގާ ބައެއް ކަންކަން ރަނގަޅު ކުރަން. އެ ރަނގަޅު ކުރީމަ ނޫނީއްޔާ އެ ފަރާތްތަކަށް އެބަ އުނދަގޫވޭ އިތުރަށް ފެސިލިޓީތައް ދިނުމަށް ނޫނީ ރާއްޖެއަށް ބޮރޯކުރުމަށް އެބަ އަންގާ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، އަގު ހެޔޮކޮށް ލޯނު ނެގުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ ޑޮމެސްޓިކް މާކެޓުން ލޯނުތައް ހަމަޖެއްސުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަހަރު ފެށުނު އިރު މިނިސްޓްރީން ބޮރޯވިންގް ޕްލޭނެއް އިއުލާނު ކޮށްފައި ވާނެކަމަށެވެ. މި ޕްލޭން އިއުލާނު ކުރި ފަހުން ޕްރައިވެޓް ސެކްޓާތަކުން ވެސް ވަރަށް ގިނަ ޕްރޮޕޯސަލް ހުށަހަޅާކަމަށާއި ނަމަވެސް އަގު ބޮޑުކޮށް ލޯނު ނަގަން ބޭނުން ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ކުއާޓާ އެއްކޮށް ނިންމާލެވިފައި ވަނީ ޕޮޒިޓިވް ބެލެންސެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑެފެސިޓް ކުޑަ ކުރެވިފައި ވުމާއި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ފައިނޭންސް ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ،" ޝަފީގް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އިތުރުވުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ އެކި އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ސަރުކާރުން ވަނީ ދަރަނި ދެއްކުމަށާއި ދަރަނި ކުޑަކޮށް އިގުތިޞާދީ ގޮތުން މިނިވަންވުމަށް މާލީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމާއި، ފައިސާ ޗާޕު ކުރުން ހުއްޓާލުން އަދި ސަބްސިޑީ ރިފޯމް ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މިމަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގައެވެ.
ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިގެ އެތެރެއިން ސަރުކާރުން ނެެގި ދަރަނިތަކެވެ. ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގައެވެ.