ސައިކަލުތަކުގައި ރޯކޮށްލާފައި ފިލި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

މަޖިލީސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ހުރި ތިން ސައިކަލެއްގައި ރޯކޮށްލާފައި -- ސަން ފޮޓޯ/ މާހިލް އާތިފް

ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރުއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/192807

ޕާކުކޮށްފައިހުރި ސައިކަލުތަކެއްގައި ރޯކޮށްލައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ފަތިސް ވަނިކޮށް މެންދަމުން އަލިވެ 3:03 އެހާކަންހާއިރެވެ.

މި ހާދިސާގައި ތިން ސައިކަލެއް ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާ އަޅިއަށްވެފައެވެ. އަދި، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި ހުރި އިތުރު ހަތަރު ސައިކަލާއި ވޭނަކަށް ވެސް ވަނީ އަލިފާނުގެ ސަބަބުން ގެއްލުންވެފައެވެ.

ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލުމަށް ފަހު މި މައްސަލައިގައި ތުހުމަތުވާ މީހާ ފިލީ ކަމަށް އެ ސަރަހައްދުގައި އެ ވަގުތު ހުރި މަންޒަރު ދުށް މީހަކު މީގެ ކުރިން 'ސަން'އަށް މައުލޫމާތު ދީފައިވެއެވެ.

އެ ސައިކަލުތަކުގައި ރޯކޮށްލީ ކަމަށް ތުހުމަތުކުރެވޭ މީހާ ދެެނެގަނެވިފައިވާ ކަމަށް ފުލުހުން އެ ދުވަހު ބުންޏެވެ. އެކަމަކު، އެ މީހާ ހައްޔަރުކުރީ މިއަދެވެ.

comment ކޮމެންޓް