ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލައިފިއެވެ.
މި ހާދިސާގައި ތިން ސައިކަލު އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި އޮތް ވޭނެއް ވެސް އަދި އިތުރު ހަތަރު ސައިކަލަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
މަންޒަރު ދުށް މީހަކު 'ސަން'އަށް ބުނީ، ހާދިސާ ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް)އިން ހަރަކާތްތެރިވާން ފަށާފައިވަނީ ރޭ ދަންވަރު 2:55 އެހާކަންހާއިރު ކަމަށެވެ. އަދި، ތިން ސައިކަލު އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ.

ތިން ސައިކަލު އަނދާ ހުލިވެފައި -- ސަން ފޮޓޯ/ މާހިލް އާތިފް
މަންޒަރު ދުށް މީހާ ތުހުމަތުކުރި ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލާފައި މީހަކު ފިލީއެވެ.
ފުލުހުން ވެސް މިއަދު ވަނީ އެކަން ޔަގީންކޮށްދީފައެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައިކަލުތަކެއްގައި ރޯކޮށްލި ކަމަށް ރޭ ދަންވަރު 3:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހާ ކިޔައިދިން ގޮތުގައި ސައިކަލުތަކުގައި ރޯވުމާ އެކު ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި، އަލިފާންގަނޑު ނިއްވާލުމުން ފުލުހުން ވަނީ އެ ސަރަހައްދުގައި ޓޭޕު ދަމާ ބަންދުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.