ފަގީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސްއިން މިދިޔަ މަހު 180 މީހުންނަށް 1.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ މިދިޔަ މޭ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ ގޮތުގައި 1،632،265 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެގޮތުން ތަފާތު އެކި ބޮޑެތި ބަލިތަކަށް ފަރުވާކުރަން ޒަކާތު ހައުސްއިން ވަނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ދީފައެވެ. އެގޮތުން އެހީ ދީފައިވާ މައިގަނޑު ކަންކަމަށް ބަލައިލާއިރު:
- ކެންސަރު ބައްޔަށް ބޭސްކުރަން - 454،574.50 ރުފިޔާ
- ހިތުގެ އޮޕަރޭޝަން ކުރަން - 67،848 ރުފިޔާ
- ކިޑްނީ ބަލިތަކަށް ބޭސްކުރަން 89،050.50 ރުފިޔާ
- ސިކުނޑީގެ އޮޕަރޭޝަން ކުރަން - 72،088.50 ރުފިޔާ
- އެހެނިހެން ބަލިތަކަށް ބޭސްކުރަން - 619،113 ރުފިޔާ
ޒަކާތު ހައުސްއިން ޚަރަދުކުރި ފައިސާގެ އެންމެ ބޮޑު އިންސައްތައެއް ޚަރަދުކޮށްފައިވަނީ އެހެނިހެން ބަލިތަކަށެވެ. އެއީ، 47.5 އިންސައްތައެވެ. އެއަށް ފަހު ކެންސަރަށް އެންމެ ބޮޑު އިންސައްތައެއް ޚަރަދުކޮށްފައިވާއިރު އެއީ 34.9 އިންސައްތައެވެ.
އަދި، ކިޑްނީގެ ބަލިތަކަށް 6.8 އިންސައްތަ ޚަރަދުކޮށް ސިކުންޑީގެ އޮޕަރޭޝަންތަކަށް ވަނީ 5.5 އިންސައްތަ ޚަރަދުކޮށްފައެވެ. އެންމެ ކުޑަ އިންސައްތައެއް މިދިޔަ މަހު ޒަކާތު ހައުސްއިން ޚަރަދުކޮށްފައިވަނީ ހިތުގެ އޮޕަރޭޝަންތަކަށެވެ. އެއީ، 5.2 އިންސައްތައެވެ.
ޖުމުލަ 1.6 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ޚަރަދު ކޮށްފައިވާއިރު އެހީގެ ގޮތުގައި މިހާރު ވެސް 1.2 މިލިއަން ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
ޒަކާތު ހައުސްއިން ކޮށްފައިވާ އެހެނިހެން ޚަރަދުތަކަށް ބަލާއިރު، އިދާރީ މުވައްޒަފުންގެ އުޖޫރައެއްގެ ގޮތުގައި 2.6 މިިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި، ފިތުރު ޒަކާތުގެ ގޮތުގައި 41،937.71 ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ މި އަހަރު އިދާރީ އަދި އެކައުންޓުތަކުގެ މައްސަލަތަކާ ގުޅިގެން ރައްދުނުކުރެވި ހުރި ފައިސާ ކަމަށް ވެސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.