ލުބުނާނުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކާ އެމްބަސީ. ފޮޓޯ/އަލް ޖަޒީރާ

ލުބުނާންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.

އިއްޔެ ހެނދުނު އެ އެމްބަސީއަށް ހަމަލާދިނީ ސޫރިއާއަށް ނިސްބަތްވާ މީހެއް ކަމަށް ލުބުނާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

ފުލުހުންނާއި އެ މީހާއާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އޭނާ ވަނީ ޒަހަމްވެ، ހޮސްޕިޓަލަށް ގެންގޮސްފައެވެ. ލުބުނާނު ސިފައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަގޮތުގައި ޒަހަމް ވެފައި ހުރި މީހާ ލައިގެން ހުރީ އަރަބި ބަހުން "އިސްލާމިކް ސްޓޭޓް" ލިޔެފައިވާ ޓީޝާޓެކެވެ.

ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާ ގާތްގަނޑަކަށް ބައިގަޑިއިރު ވަންދެން ކުރިއަށް ދިޔައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެމްބަސީގެ ސެކިއުރިޓީ ޓީމުގެ މެމްބަރަކު ވަނީ އެ ހަމަލާގައި ޒަހަމްވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށިތާ ކުރީކޮޅުވެސް އެ އެމްބަސީ ބޭރުގައި އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާކޮށްފައިވެއެވެ. މުޒާހަރާ ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނާ ގޭހާއި ފެން ބޭނުންކޮށްފައެވެ.

"އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށި ފަހުން މި ސަރަހައްދުގައި އަނިޔާވެރި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައިވޭ، އެމެރިކާގެ ވެރިކަމާ މެދު ރުޅިވެރިކަން ފާޅުކުރާތަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި." މުވައްޒަފު ފާހަގަކުރި އެވެ.

އެ ހަމަލާދީފައިވަނީ އީރާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއާ ދެކޮޅަށް ވަރަށް އަވަހަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ އެންމެ ގާތް އެއް ގައުމު ކަމަށްވާ އިސްރާއީލުން ދީފައިވަނިކޮށެވެ.

އިސްރާއީލުން ހިޒްބުﷲއާއި ދެކޮޅަށް ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ތެރޭގައި ވެސް މިހާރު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

comment ކޮމެންޓް