އަކްޝޭއާއި ޓައިގާގެ ފިލްމު ނެޓްފްލިކްސްއަށް

މިދިޔަ އޭޕްރިލް މަހުގެ 11ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފްގެ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމިންއަށް ދޫކޮށްލައިފިއެވެ.

އާއްމުންގެ މާބޮޑު ތަރުހީބު ފިލްމަށް ނުލިބުނު ނަމަވެސް މި ފިލްމަކީ ސްޓްރީމްކުރާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. ފިލްމު "ސުލްތާނު"، "ބާރަތު" އަދި "ޓައިގާ ޒިންދާހޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޢަލީ އައްބާސް ޒަފަރުގެ މި ފިލްމުން އޭނާއަށް މާ ބޮޑު ޖާދޫއެއް ދެއްކިފައިނުވާކަމަށް ފިލްމު ބަލަން ސިނަމާއަށްދިޔަ ގިނަ ބަޔަކުގެ ރިވިއުތަކުގައި ބުނެފައިވެއެވެ.

ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕޭސްބުކް

މި ފިލްމަކީ 41 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ފިލްމު ސިނަމާތަކުން ނެގިއިރު ލިބިފައި ވަނީ އެންމެ 11 މިލިއަން އެމެރިކާ ޑޮލަރެވެ.

ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ހިމެނޭ މި އެކްޝަން ތުރިލާގެ ލީޑް ތަރިންގެ ތެރޭ އަކްޝޭ ކުމާރު، ޓައިގާ ޝްރޮފްގެ އިތުރުން ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން، މަނޫޝީ ޗިލަ،އަލާޔާ އެފް،ސޮނާކްޝީ ސިންހާ ހިމެނެއެވެ.

ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވަނީ ރިލީޒްކުރިތާ ދެ މަސް ފަހުންނެވެ. ފިލްމުގެ ޓައިޓްލް އަކީ 1998ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ނަމަވެސް އަލީ އައްބާސް ފިލްމުގައި ގެނެސްދީފައިވާނީ މުޅިން ތަފާތު ރަހަތަކެއް ކަމަށް ފިލްމުގެ ޕްރޮމޯޝަންތަކުގައި ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް