ތޮއްޑޫގައި ދަނޑުބިމުގެ މައްސަލައެއްގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް އަނިޔާވެއްޖެ

އއ.ތޮއްޑޫ ދަނޑުބިންތައް---

އއ. ތޮއްޑޫގައި ދަނޑުބިން ދޫކުރަން ނިންމި ގޮތަކާ ގުޅޭ ގޮތުން ރައްޔިތުންތަކެއް ހިތްހަމަނުޖެހިގެން މިއަދު ކުރި މުޒާހަރާއެއްގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ތޮއްޑޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސް ކުރިއިރު ދަނޑުވެރިކަމަށް ދޫކުރާ "ގޮއިބިން" 15 އަހަރަށް ދޭން ނިންމުމުން، އެއީ މާ ދިގު މުއްދަތެއް ކަމަށް ބުނެ ކަމަށެވެ.

އެ މައްސަލައިގައި މުޒާހަރާ ކުރަމުންދާ މީހުން ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލި ކަމަށާއި، ކައުންސިލްގެ ރައީސާއި ދެ މެމްބަރަކު އިދާރާއިން ނުނިކުމެވިފައި ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މެންބަރު ވިދާޅުވީ، ކައުންސިލް އިދާރާގެ ފުރާޅުގައި ޖަހާފައިވާ ސޯލާ ޕެނެލްތަކަށް ރައްޔިތުން ގާ އުކައި އެޕެނެލްތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.

ހަމައެއާއެކު ކައުންސިލް އިދާރާގެ މައި ދޮރުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިލައިފައެވެ.

ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުން ދާކަމުގެ މައުލޫމާތު މިއަދުގެ 13:00ގައި ފުލުހުންނަށް ލިބިފައި ވާކަމަށެވެ.

މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާތީ އެގޮތަށް އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެ، މިހާރު ފަރުވާ ދެމުން ދާކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިހާތަނަށް ފުލުހުން ބުނެފައިނުވެއެވެ.

ތޮއްޑޫގެ އެންމެ ބޮޑު ވިޔަފާރިއަކީ ދަނޑުވެރިކަން ކަމަށްވާއިރު، އެ ރަށުގައި މިހާރުވެސް 431 ދަނޑުބިން އޮވެއެވެ. ތޮއްޑޫ މަޝްހޫރުވެފައިވަނީ އެ ރަށުގައި އުފައްދާ ކަރާއަށް ނަމަވެސް މޭވާ އާއި ތަރުކާރީގެ އެހެން ގިނަ ބާވަތްތަކެއް ވެސް ތޮއްޑޫގައި އުފައްދައެވެ.

comment ކޮމެންޓް