ތަފާތު 7 ދާއިރާއިން ދިވެހީން ތަމްރީނު ކުރުމަށް އެޗްޑީސީގެ ޕްރޮގްރާމެއް

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން ތިލަފުށީގައި 3000 ގަސް އިންދުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށް ގެންދާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތަފާތު ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމަށް ޓަކައި ހިންގާ މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހަ މަސްދުވަހުގެ މުއްދަތަކަށެވެ.

އެޗްޑީސީން ބުނެފައިވަނީ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްދާނީ އެ ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށް ގެންދާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" --

މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ފުރުސަތު އޮތް މިންވަރަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކުރާ ނޭޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓް ވެސް ލިބިގެންދާނެއެެވެ.

މިގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ކޮމްޕިއުޓަރު ހާޑްވެއާ އެންޓް ނެޓްވޯކިން
  • ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
  • ފްރަންޓް އޮފީސް
  • ގާޑްނިން
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
  • މޭސަންރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން

އެޗްޑީސީން ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް-ދޭއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަނީ އެޗްޑީސީއާއި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީނުކުރުން ކަމަށެވެ.

ތަފާތު ދާއިރާތަކުން ދިވެހީން ތަމްރީނުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުންވަނީ ފިޝަރީޒް ކޮލެޖެއް އެޅުމަށް ވެސް ނިންމައި، އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ މަގުފަހިކޮށްދީފައެވެ.

އެ ގޮތުން ގައުމީ ޔުނިވަސިޓީއާއި ފިޝަރީޒް މިނިސްޓްރީއާ އެކު ސޮއިކުރި، އެއްބަސްވުމުގެ ދަށުން ފިޝަރީޒް ކޮލެޖުގެ ކޯސްތައް އަންނަ އޮގަސްޓުގައި ފަށާނެއެވެ.

comment ކޮމެންޓް