މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ އިސްރަށްވެހިންތަކެއް އެމްއެންޑީއެފްގެ ކޯސްޓްގާޑް ހުރަވީ ޝިފަށް ޒިޔާރަތްކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ޒިޔާރަތުގައި 32 އިސްރަށްވެހިން ބައިވެރިވި ކަމަށާއި މިއީ އެ ފަރާތްތަކަށް މުޅިން އާ މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
މި ޒިޔާރާތުގައި ކޯސްޓުގާޑުގެ ތާރީޚާއި ކޯސްޓްގާޑް ޝިޕް ހުރަވީއާ ގުޅުން ހުރި މުހިންމު މައުލޫމާތުތަކާއި މަނަވަރުގައި ބޭނުން ކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ގުޅުން ހުރި މައުލޫމާތުތަކެއް އިސްރަށްވެހިންނާ ވަނީ ހިއްސާކޮށްފައެވެ.

އިސްރަށްވެހިންތަކެއް ކޯސްޓްގާޑް ހުރަވީ ޝިފަށް ކޯސްޓްގާޑް ހުރަވީ ޝިފަށް ޒިޔާރަތްކުރުމުގެ ތެރެއިން ---- ފޮޓޯ/ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މީގެ ކުރިން އިސްރަށްވެހިންނާއެކު ކުރިއަށް ގެންދެވޭ ހަރަކާތްތަކާ ވަރަށް ތަފާތު ހަރަކާތެއްކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، އެ ވުޒާރާއިން ބުނީ، މުސްތަގްބަލުގައި ވެސް އިސްރަށްވެހިންގެ ނާދީގެ ފަރާތުން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްރަށްވެހިންތަކެއް ކޯސްޓްގާޑް ހުރަވީ ޝިފަށް ކޯސްޓްގާޑް ހުރަވީ ޝިފަށް ޒިޔާރަތްކުރުމުގެ ތެރެއިން ---- ފޮޓޯ/ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އިސްރަށްވެހިންނަކީ މުޖުތަމައުގައި، އެ މީހުންގެ ބައިވެރިވުން ހިމެނޭ އަދި އެންމެންގެ ލޯތްބާއި އިހުތިރާމް ލިބޭ ބަޔަކަށް ހެދުމަށް މިފަދަ ކޮންމެ ހަރަކާތަކުން މަގުފަހިކޮށްދޭ ކަމަށް ގަބޫލު ކުރާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.