ކަންގަނާ، ބޮޑު އަޣުލަބިއްޔަތަކުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފި

ބަތަލާ ކަންގަނާ: އޭނާ ވަނީ ލޯކް ސަބާގެ ގޮނޑިއެއް ކާމިޔާބުކޮށްފައި --

ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.

ލޯކް ސަބާގެ ގޮނޑިއަށް ކަންގަނާ ކުރިމަތިލާފައި ވަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއިންނެވެ. މި އިންތިޚާބުގެ ކެމްޕޭން މަސައްކަތްތައް ފެށުމުގެ ދުވަސްކޮޅެއް ކުރިން ސިޔާސީ ދާއިރާއަށް ރަސްމީކޮށް ނުކުމެފައިވާކަން އިއުލާނުކުރި ބަތަލާ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ކޮންގްރެސްގެ ކެންޑިޑޭޓް ވިކްރަމަދިތިޔަ ސިންގްއާ ވާދަކޮށް، 74,755 ވޯޓުގެ ތަފާތުންނެވެ.

އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން ދިން ބަސްދީގަތުމެއްގައި ކަންގަނާ ބުނެފައި ވަނީ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށް ގިނަ ތަޖުރިބާތަކެއް ކުރެވުނު މުމްބާއީ ދޫކޮށް އުފަން ސްޓޭޓަށް ޚިދުމަތް ކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އެގޮތުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. އަމިއްލަ ސްޓޭޓް ދޫކޮށް އެހެން އެއްވެސް ތަނަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި ފޮށި ތަންމަތި ބަންދުކޮށްގެން ހިމާޗަލް ޕްރަދޭޝް ދޫކޮށްދާން ޖެހޭނީ އެހެން މީހަކަށް ކަމަށް ކަންގަނާގެ ބަސްދީގަތުމުގައި ވަނީ ބުނެފައެވެ.

ކަންގަނާ ލީޑްރޯލް ކުޅުނު ސިޔާސީ ފިލްމު "ތަލައިވާ"ގެ މަންޒަރެއް--ފޮޓޯ/ލައިފްސްޓައިލްއޭޝިއާ
މި އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ދެ ކެންޑިޑޭޓުން ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކުގައެވެ. އެހެންނަމަވެސް ސިޔާސީ ދާއިރާގެ ދިގު މާޒީއެއް އޮތް ވިކްރަމަދަތިޔައަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކަންގަނާގެ ކެމްޕޭން ސްޓެރެޓެޖީ ވަރުގަދަވުމުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކެމްޕޭން މަސައްކަތްތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން ކަންގަނާ ވަނީ މި މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމި ފިލްމު "އިމަޖެންސީ" ރިލީޒްކުރުން ވެސް ފަސްކޮށްފައެވެ.

ހަތަރު ފަހަރަށް އިންޑިއާގެ ޤައުމީ އެވޯޑު ހޯދާފައިވާ ބަތަލާ ބުނެފައި ވަނީ ލޯކް ސަބާއަށް އޭނާ ހޮވިއްޖެނަމަ ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކުރަން ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް