ބަތަލާ ރާނީ މި އަހަރު އިތުރު ފިލްމަކަށް ތައްޔާރު ވަނީ

ބަތަލާ ރާނީ މުކަރުޖީ--ފޮޓޯ/ފޯބްސްއިންޑިއާ

މިދިޔަ އަހަރު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިން ގިނަ ބައެއްގެ ތައުރީފު ހޯދުމަށްފަހު ބަތަލާ ރާނީ މުކަރުޖީ މި އަހަރު އިތުރު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ މަގުބޫލު ޑައިރެކްޓަރު ޝޮނާލީ ބޯސްގެ އުފައްދާ ފިލްމެކެވެ. ޖަންގްލީ ޕިކްޗާސްއިން އުފައްދާ މި ފެމިލީ ޑްރާމާއަށް ރާނީ ސޮއިކޮށްފައި ވާއިރު ވޭތުވެދިޔަ ދެ އަހަރު ދުވަހުގެތެރޭ ރާނީއަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބުނު ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ބަތަލާއަށް އެންމެ ކަމުދިޔަ އެއް ސްކްރިޕްޓަކީ ޝޮނާލީ ބޯސްގެ ސްކްރިޕްޓް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ވަނީ ބުނެފައެވެ.

މަޝްހޫރު ފިލްމުތައް ކަމަށްވާ "ތަލްވާރު"، "ރާޒީ" އަދި "ބަދާއީ ހޯ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޖަންގްލީ ޕިކްޗާސްގެ މި ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕޯސްޓު ޕްރޮޑަކްޝަންގެ މަރުހަލާގައި ކަމަށާއި ފިލްމު ރިލީޒްކުރުމަށް ތާވަލު ކުރެވިފައި ވަނީ އަންނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގައި ރާނީއާ އެކު ފެންނާނީ ބޮލީވުޑްގެ އޭ-ލިސްޓު އެކްޓަރެއް ކަމަށާއި ފިލްމުގެ އިތުރު ކާސްޓުންނާ ބެހޭ މައުލޫމާތު ޕްރޮޑަކްޝަން ޓީމުން އަދި ހާމައެއް ނުކުރެއެވެ.

ޑައިރެކްޓަރު ޝޮނާލީ ބޯސް ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޑައިރެކްޓަރު ޝޮނާލީ ބޯސްގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އަމޫ"، "މާގަރީތާ ވިތު އަ ސްޓްރޯ" އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ މުހިއްމު ރޯލް ކުޅުނު ފިލްމު "ސްކައި އިޒް ޕިންކް" ހިމެނެއެވެ.

ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޝޮނާލީގެ ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ރާނީ ދެން އެންމެ އަވަހަށް ފަށާނީ ފިރިމީހާ އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމު "މަރުދާނީ3"އެވެ. މި ފިލްމަކީ ވައިއާރުއެފް ކުންފުނިން 2014ވަނަ އަހަރު ގެނެސްދިން ފްރެންޗައިސްގެ ސީކުއަލްއެކެވެ. މި ފިލްމުގެ ދެވަނަ ބައި ރިލީޒްކޮށްފައި ވަނީ 2019ވަނަ އަހަރުއެވެ.

comment ކޮމެންޓް