ލޭ ހަދިޔާ ކުރުމުގެ އެންމެ ފަހު ހަރަކާތް ސަން ސިޔާމް ވިލު ރީފްގައި ކުރިއަށްގެންގޮސްފި

ސަން ސިޔާމް ވިލު ރީފްގައި ލޭ ހަދިޔާކުރަނީ: މިއީ ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެއް -- ފޮޓޯ: އަހުމަދު ސުނީ/ ސަން ސިޔާމް ވިލު ރީފް

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި އަހަރު ވެސް ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ފަހު ހަރަކާތް ސަން ސިޔާމް ވިލު ރީފްގައި ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތް ފައްޓަވައިދެއްވާފައި ވަނީ، އެ ރިސޯޓުގެ މެނޭޖަރު ތޯހާ ޔޫސުފެވެ. ހަރަކާތް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ، މިއީ ސަން ސިޔާމް ރިސޯޓްގެ އަހަރީ ދުވަހާ ގުޅުވައިގެން މާތް މަގުސަދެއްގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ލޭއަޅާ ކުދިންނަށް ލޭ ލިބުމުގައި ދަތިތައް ކުރިމަތިވާކަން މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ފާހަގަކޮށްފައި ވާކަމަށް ތޯހާ ވިދާޅުވިއެވެ.

"...މިވަގުތު 900 ތެލެސީމިއާ ކުދިން އެމްބީއެސްގައި ރެޖިސްޓާވެފައި އެބަތިބި. އަދި މީގެތެރެއިން 300އަށްވުރެ ގިނަ ކުދިން ފަރުވާ ހޯދަނީ މާލޭގައި،" ތޯހާ ވިދާޅުވިއެވެ.

ސަން ސިޔާމް ވިލު ރީފްގައި ލޭ ހަދިޔާކުރުން: މިއީ ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެއް -- ފޮޓޯ: އަހުމަދު ސުނީ/ ސަން ސިޔާމް ވިލު ރީފް

އޭނާ ވަނީ މި ހަރަކާތް ފެށިގެން އައި ގޮތަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފައެވެ. އެގޮތުން 2015ވަނަ އަހަރުން ފެށިގެން މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑާ ގުޅިގެން މެދުކެނޑުމެއް އައިކަމަށް އޭނާ ވިދާޅުވިއެވެ. ތޯހާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މިހަރަކާތުން ރަނގަޅު އަދަދަކަށް ޑޯނަރުން ލިބިފައި ވާކަމަށެވެ. އެގޮތުން، މިއަހަރުގެ އަމާޒަކީ 400އަށްވުރެ ގިނަ ޑޯނަރުން ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް އެހީވުމުގެ ގޮތުން މިއަހަރު ވެސް ސަން ސިޔާމް ގްރޫޕުގެ ހުރިހާ ރިސޯޓަކާއި ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި އެކި ގޮތްގޮތުން ބައިވެރިވެފައި ވާތީ ފަޚުރުވެރި ވާކަމަށެވެ.

އޭނާ ވިދާޅުވީ، ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ކުޑަ ކަމެއް ކަމަށެވެ. ނަމަވެސް، މިފަދަ ޚިދުމަތްތަކުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތަކީ އެމްބީއެސްގެ ޓީމަކުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެހެންކަމުން އެކަމަށްޓަކައި އައްޒަ ވަނީ އެމްބީއެސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ހަރަކާތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. އެއަށްފަހު މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޔާމް ވޯލްޑްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު 21 ވަނަ ދުވަހު ސަން ސިޔާމް ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕާއި މި މަހުގެ 26 ވަނަ ދުވަހު ސަން ސިޔާމް އިރު ފުށީ މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ސަން ސިޔާމް އިރު ވެލީގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ، މިމަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް