ބޮލީވުޑްގެ ޒުވާން ފިލްމީ ތަރި ވަރުން ދަވަންއަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިސް މާލީނީގައި ބުނެފައިވާ ގޮތުގައި ވަރުންގެ އަންހެނުން ނަތާޝާ ދަލާލް އަންހެން ކުއްޖަކު ވިހެއި ޚަބަރު އިއުލާނުކޮށްފައިވަނީ ވަރުންގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންއެވެ.
ނަތާޝާ ވިހާފައިވަނީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައެވެ. ދަނބި ދަރިފުޅު ނަތާޝާއާއި ވަރުންއަށް އަންހެން ކުއްޖަކު ލިބުނު ޚަބަރު ހޮސްޕިޓަލުގެ ބޭރުގައި ތިބި ނޫސްވެރިންނާ ހިއްސާކުރަމުން ޑޭވިޑް ދަވަން ވަނީ އާއިލާގެ ފަރާތުން ހެޔޮ ދުއާއާއި ތަހުނިޔާ ފޮނުވި ގިނަ ބަޔަކަށް ޝުކުރު އަދާކޮށްފައެވެ.
ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނަތާޝާ ބަލިވެއިންކަން ވަރުން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ތެރޭގައެވެ.
މީގެ ތިން އަހަރު ކުރިން ޒަވާޖީ ހަޔާތެއް ފެށި މި ދެމަފިރިންނަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބޭ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު ބޮލީވުޑް ދެމަފިރިންނެވެ. ފިލްމީ ތަރިއެއްގެ އަންބަކަށްވީ ނަމަވެސް ނަތާޝާއަކީ ވަރަށް ބޮޑަށް ޕްރައިވެސީއަށް ލޯބިކުރާ މީހެކެވެ. އާއްމުކޮށް ފިލްމީ ހަފުލާތަކުގައި ވެސް ނަތާޝާ ސިފަ ކުރެވެނީ މީޑިއާތަކާ ވަރަށް ދުރުގައި އުޅޭ މީހެއްގެ ގޮތުގައެވެ.
ވަރުން ބައްޕައަކަށްވި ޚަބަރާ އެކު އެކްޓަރަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ އާއިލާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާ އުފާ ފާޅުކޮށްފައެވެ. ވަރުންއާއި ނަތާޝާގެ ފަރާތުން މި ކަމާ ގުޅިގެން ރަސްމީ ބަޔާނެއް ނެރެފައި ނެތް ނަމަވެސް އާއިލާއާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނަތާޝާއާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ.