މިފަހަރު ދިމާވީ ހިތްހެޔޮ ޓެކްސީ ޑްރައިވަރަކާ، ހައްޖަށް ދާން އެއާޕޯޓަށް ގެންގޮސްދިނީ ހިލޭ

ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީތަކުގެ މައްސަލަ ބޮޑުވެ އަބަދު ވެސް މީހުން ދައްކަނީ ޓެކްސީ ޑްރައިވަރުން ކަންކުރާ ގޮތުގެ ވާހަކައެވެ. ސޯޝަލްމީޑިއާއަށް ތިލަ ވަނީ ހަރުކަށި ޓެކްސީ ޑްރައިވަރުންގެ ވާހަތަކެވެ. ނަމަވެސް، މިއީ ހުރިހާ ޓެކްސީ ޑްރައިވަރުންނެއް ނޫނެވެ. ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ވެސް ހިތްހެޔޮ މީހުން އުޅެއެވެ. މިފަހަރު މިއޮތީ އެފަދަ މީހެއްގެ ވާހަކައެވެ.

ސޯޝަލްމީޑިއާގައި މީހަކު ހިއްސާކޮށްފައި ވާގޮތުގައި އޭނާގެ މަންމަ ހައްޖަށް ދިއުމަށް އެއާޕޯޓަށް ދާން އެރި ކާރު ދުއްވަން އިން ޒުވާނާ ގާތު ފައިސާ ދޭންވީ މިންވަރު އެހުމުން، ޑްރައިވަރު ބުނީ ފައިސާ ބޭނުން ނޫން ކަމަށެވެ. އަދި ހައްޖަށްދާ މީހުން އެއާޕޯޓަށް ގެންދަން ދަތުރު ކޮށްދެނީ ހިލޭކަމަށް އޭނާ ބުންޏެވެ.

އޭނާ ލިޔެފައިވާ ގޮތުގައި، ޓެކްސީ ޑްރައިވަރު ވަނީ މަންމައަށް ކާމިޔާބު ހައްޖަކަށް އެދިފައެވެ. އަދި އޭނާގެ ނަމްބަރު ދީ، ހައްޖުން އައުމުން ގެއަށްދާން ގުޅަން ވެސް އެދިފައި ވާކަމަށް ލިޔެފައި ވެއެވެ.

ހައްޖަށް އެއާޕޯޓަށް ދާ މީހުންގެ އަތުން ފައިސާ ނުނަގާނެ ކަމަށް ބުނި ޓެކްސީ ޑްރައިވަރު --

މި ތަޖުރިބާ ހިއްސާ ކުރުމުން ގިނަ ބަޔަކު ވަނީ އެމީހުންނާ ދިމާވި ހިތްހެޔޮ ޑްރައިވަރުންގެ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މީހަކު ކޮމެންޓް ކޮށްފައި ވަނީ، އޭނާ ބަލިވެއިންއިރު، މިފަދަ ހިތްހެޔޮ މީހެއްގެ ކާރަށް އެރުނު ކަމަށާއި ޑްރައިވަރު ކާރު ދުއްވީ ވަރަށް ބަލައިގެން ކަމަށް ބުނެފައެވެ. އަދި އެ ދަތުރަށް ވެސް ޑްރައިވަރު ފައިސާ ނުނަގާ ކަމަށް އޭނާ ލިޔެފައި ވެއެވެ.

އިތުުރު މީހަކު ބުނެފައި ވަނީ، ޓެކްސީ ޑްރައިވަރުންގެ އަގު ހިފަހައްޓަނީ މިފަދަ ހިތްހެޔޮ މީހުން ކަމަށެވެ. ގިނަ ބަޔަކު ވަނީ އެ ޒުވާނާއަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާކޮށްފައެވެ.

މިފަހުން ޓެކްސީތަކުގެ މައްސަލަ ވަރަށް ބޮޑުވެ، އެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ވަނީ އިތުރަށް ހަރަކާތްތެރިވާން ފަށައިފައެވެ.

https://sun.mv/192106

ގިނަ މީހުންގެ ޝަކުވާއަކީ ޑްރައިވަރުން ވަކި ތަނަކަށް ދާން އުޒުރުވެރި ވުމާއި، ނަގަންޖެހޭ ވަރަށް ވުރެ ގިނައިން ފައިސާ ނެގުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް