އިތުރުވާ ގޯތިތަކުގެ ގުރަށްފަހު، އަލުން މުޅި ގުޅިފަޅުގެ ގޯތިތައް ބަހަނީ

އިތުރުވާ ގޯތިތަކުގެ ގުރަށްފަހު، އަލުން މުޅި ގުޅިފަޅުގެ ގޯތިތައް ބަހަނީ-- ފޮޓޯ: ނާއިޝް ނާހިދު

ބިންވެރިޔާގެ ސްކީމްގެ ދަށުން ގިރާވަޅުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް މާދަމާ ނަގާ ގުރަށްފަހު، އަލުން މުޅި ގުޅިފަޅުގެ ގޯތިތައް ބަހަން އިއުލާނުކުރާނެކަމަށް ހައުސިން މިނިސްޓްރީ އިން މިއަދު ބުނެފިއެވެ.

އެ ކަން ހާމަކުރީ ބިންވެރިޔާގެ ސްކީމްގެ ދަށުން ގިރާވަޅުފަޅުން ލިބިފައިވާ ގޯތީ ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ މިއަދު ވިދާޅުވީ އެ މިނިސްޓަރީން ޕްލޭންކޮށްފައި އޮތީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުވާ އަދަދު ހަމަޖެހުމާ އެއްކޮށް އަވަހަށް މުޅި ގުޅީފަޅުގެ ގުރުއަތުލުމަށް ހުޅުވުން ކަމަށެވެ.

"ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސްފައި މިވަނީ، ކުރީގެ ލޭންޑް ޔޫސް ޕްލޭނަކީ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭން އަކަށް ނުވާތީވެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރީ،"

އެ މިނިސްޓްރީން މިއަދު ބުނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށްފަހު އަދި މާދަމާގެ ގުރުއަތުލުމަށް ފަހު މުޅި ގުޅިފަޅުގެ ގުރުއަތުލުމަށް އިއުލާނު ކުރާނެކަމަށެވެ.

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް އޭޕްރީލް މަހު ހަތް ވަނަ ދުވަހު ހުޅުވާލި ފުރުސަތު ވަނީ އޭޕްރީލް 18 އަށް އިތުރުކޮށްފައެެވެ. އެގޮތުން ހުޅުވާލި ފުރުސަތަށް ދެހާހަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓަރީން ބުނެއެވެ.

އެ މިނިސްޓަރީން ބުނީ މުއްދަތު އިތުރު ކުރީ މިހާރު ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސް ތިބި މީހުންނާއި، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެ ކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓަރީން ބުނީ ހައްޖުވެރިން ނެތަސް ގުރުއަތުލުމުގެ ކަންކަން މާދަމާ ކުރާނެ ކަމަށެވެ.

ގުރުނެގުން އޮތީ މާދަމާ ހެނދުނު ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ހެނދުނު 09:00 އިން 10:00 އަށެވެ.

އެއީ 1،250ގެ ގޯއްޗަށް ހުށަހެޅި 1093 މީހުންނާއި، 1650 ގެ 880 މީހުންގެ ނަންކޮޅުގެ ގުރުއަތުލުމެވެ.

ހައުސިން މިނިސްޓަރީން ބުނީ ވަރަށް އަވަހަށް ގުޅީފަޅުގެ ގޯތިތައް ބަހާނެކަމަށެވެ.

comment ކޮމެންޓް