ކަރަންޓު ބިލާ ގުޅިގެން 6000 އަށްވުރެ ގިނަ ޝަކުވާއަށް ވާނީ އެޓެންޑް ވެފައި: ސްޓެލްކޯ

--

ކަރަންޓު ބިލާ ގުޅިގެން މިހާތަނަށް 6,000އަށްވުރެ ގިނަ ޝަކުވާ ލިބުނު ކަމަށާއި، އައި ހުރިހާ ޝަކުވާއަކަށް އެޓެންޑް ވެފައި ވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ކަރަންޓު ބިލުގައި މައްސަލައެއް އުޅޭނަމަ އެ މައްސަލަ ހުށައެޅުމުން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީ ވާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެގޮތުން މި ވީ ދެ ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، އަދި ފޭސްބުކްގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް 6،135 މައްސަލައެއް ހުށަހަޅައިފައިވާކަމަށް ބުންޏެވެ.

އަދި ކަރަންޓު ބިލުތަކުގެ މައްސަލައިގައި 659 ފޯނު ކޯލު އައިސްފައިވާ ކަމަށާއި އެ ހުރިހާ ފޯނު ކޯލަކަށް ވެސް ޖަވާބުދާރީވެފައި ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނިމިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު އެކަމާ ޝަކުވާކޮށް ސްޓެލްކޯ ކުރިމައްޗަށް ނިކުމެ ވަނީ އަޑުގަދަކޮށްފައެވެ.

އެއާއެކު ކަރަންޓު ބިލުގައި މައްސަލައެއް އުޅޭނަމަ އެ މައްސަލަ ސްޓެލްކޯއަށް ހުށަހެޅުމަށް އެ ކުންފުނިން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހެވެ.

ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރުމުން ސްޓެލްކޯއިން ބުނީ ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ.

comment ކޮމެންޓް