ބްރިޖަޓަންގެ ތަރި ފަލަސްތީނަށް 1.7 މިލިއަން، ޔޫޓިއުބަރުން 1.5 މިލިއަން

ނެޓްފްލިކްސްގެ މި ވަގުތުގެ އެންމެ ބޮޑު ހިޓް ޝޯ ކަމަށްވާ "ބްރިޖަޓަން"ގެ މި ސީޒަންގެ ލީޑް ނިކޮލާ ކޯކްލިން އަދި ގިނަ އަދަދެއްގެ ޔޫޓިއުބަރުންތަކެއް ފަލަސްތީނަށް މިލިއަނުން ފައިސާ ފަންޑްރެއިޒް ކޮށްފިއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އެންމެންނަށް އެހީތެރިވުމުގެ ގޮތުން ޕަލަސްޓިން ޗިލްޑްރެންސް ރިލީފް ފަންޑް (ޕީސީއާރުއެފް)އަށް ފައިސާ ހޯދުމަށްޓަކަށް ނިކޮލާ ވަނީ ހާއްސަ ފަންޑްރެއިޒް އިވެންޓެއް ފަށާފައެވެ. އޭނާ މި ފަންޑަށް ފައިސާ ހޯދަމުން އަންނަތާ މިހާރު ހަފުތާއެއްހާ ދުވަސް ވެދާނެއެވެ.

މި ފަންޑްރެއިޒްއަށް ނިކޮލާގެ ޕްލެޓްފޯމް ބޭނުންކޮށްގެން ހޯދި ފައިސާގެ އަގު މިހާރު ވަނީ 1.7 މިލިއަން ޑޮލަރަށް އަރާފައެވެ.

ނިކޮލާއަކީ މިދުވަސްކޮޅު އެންމެ ޓްރެންޑް ވަމުންދާ އެއް ތަރިއެވެ. ބްރިޖަޓަންގެ އާ ސީޒަންގެ ލީޑާއެކު ނިކޮލާއަށް އެކި އިންޓަވިއުތަކުން ވަނީ ޖާގަ ލިބިފައެވެ. މި ހުރިހާ އިވެންޓެއްގައި ވެސް އޭނާ އެންމެ އަޑު ގަދަކޮށް ދައްކާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކުގެ ވާހަކައެވެ.

މި ކަމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ގިނަ ބަޔަކާ ހަމައަށް ވެސް ވަނީ ފޯރާފައެވެ. ނަތީޖާއެއްގެ ގޮތުން ފަންޑަށް ގިނަ އަދަދެއްގެ ފައިސާ ހޯދިއެވެ.

ގިނަ އަދަދެއްގެ ޔޫޓިއުބް ކްރިއޭޓަރުން އެއްވެ ދާދި ފަހުން ވަނީ ފަލަސްތީނަށް އެހީ ހޯދުމަށް ލައިވްސްޓްރީމް އިވެންޓެއް ބާއްވާފައެވެ. ގާތްގަނޑަކަަށް 100 އަށް ވުރެ ގިނަ ކްރިއޭޓަރުން ބައިވެރިވި މި އިވެންޓުގައި ޔޫޓިއުބްގައި ފާހަގަކުރެވޭ ކްރިއޭޓަރުން ހިމެނެއެވެ. އޭގެ ތެރޭގައި ހަސަން ޕައިކާއާއި "ޗޭޑްޗޭޑް" އަދި "ޓްރައި ގައިސް" ފަދަ ބޮޑެތި ކްރިއޭޓަރުން ހިމެނެއެވެ.

އެއް ދުވަހަށް ކުރިއަށް ގެންދިޔަ ލައިވްސްޓްރީމް ފަންޑް ރެއިޒް އިވެންޓުގައި ވަނީ ފަލަސްތީނަށް 1.5 މިލިއަން ޑޮލަރުގެ އެހީއެއް ހޯދާފައެވެ. މިއީ މި އިވެންޓުގައި ހޯދުމަށް އަމާޒު ކަނޑައެޅި އަދަދަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ފަލަސްތީނަށް އެހީތެރިވާ ގިނަ ޖަމިއްޔާތަކަށް މި ފައިސާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ ކްރިއޭޓަރުން ވެސް ގޮވަމުން އަންނަނީ ފަލަސްތީނަށް ކުރާ ހަމަލާތަައް އެކީއެކަށް ހުއްޓާލައި މިނިވަން ގައުމަކަށް ފަލަސްތީނު ހެދުމަށެވެ.

comment ކޮމެންޓް