މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.
އެ ގަރާރު އުވާލެއްވުމަށް ރައީސް ސޮއިކުރައްވާފައިވާ ގަރާރުގައިވަނީ، ނޮވެމްބަރު 17، 2018ގައި އުފެއްދި މަރު ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
އެހެންވެ، އެ ކޮމިޝަން އުވާލަން ރައީސް ނިންމެވީ ކަމަށް ގަރާރުގައިވެއެވެ.
މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ.
އެއީ މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރުމަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެއްގެ ދަށުން އެކުލަވާލި ކޮމިޝަނެވެ.
މަރު ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރޭގައި 2012 ވަނަ އަހަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާއި 2014 ވަނަ އަހަރު މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައާއި 2017 ވަނަ އަހަރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެއެވެ.
އެ ކޮމިޝަން އުވާލަން ރައީސް މުއިއްޒު ނިންމެވުމުން، ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވަނީ މި ކޮމިޝަންގެ ހޯދުންތައް ހާމަކުރަން ގޮވަލާފައެވެ.
އެ ގޮވާލުމާ ގުޅިގެން ރައީސް އޮފީހުން ވަނީ ކޮމިޝަންގެ ރިޕޯޓުތައް ރައީސް އޮފީހަށް ލިބުމުން އެ ރިޕޯޓުތަކުގައިވާ މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެފައެވެ.
މަރު ކޮމިޝަނަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ނެރުނު ރިޕޯޓާ ގުޅޭ ގޮތުންނާއި، ރިލްވާނާއި ޔާމީންގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާއިލާއާ ހިއްސާނުކުރުމުގެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.
މަރު ކޮމިޝަނަށް 2019ގައި އެކަނިވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، 2018އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، މުސާރައާއި އެލަވަންސަށް 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.