ރަހީނުކޮށް ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި މަރު ކޮމިޝަންގެ ރިޕޯޓުތައް ރައީސް އޮފީހަށް ލިބުމުން އެ ރިޕޯޓުތަކުގައިވާ މައުލޫމާތު ހާމަކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިދިޔަ ސަރުކާރުން 2018 ވަނަ އަހަރު އުފެއްދި މަރު ކޮމިޝަންގެ މައިގަނޑު ބޭނުމަކީ މަރުތައް ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދިނުމަށް ކުރިން ކުރެވިފައި ހުރި މަސައްކަތްތައް އެންމެ ރަނގަޅު ނޫންކަމަށް ފެންނާތީ އެ ކަަންކަން އިތުރަށް ބަލައި ދިރާސާކޮށް އިންސާފު ހޯދައިދިނުމެވެ.
ނަމަވެސް، މި މަހުގެ 31ވަނަ ދުވަހު ކޮމިޝަން އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެހެންވެ، ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ މި ކޮމިޝަންގެ ހޯދުންތައް ހާމަކުރަން ގޮވަލާފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން'އަށް ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓުތައް ރައީސް އޮފީހަށް ލިބުމުން ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް، މި މައުލޫމާތު ހިއްސާކުރާނެ ވަކި ތާރީޚެއް އެނގޭނީ ރިޕޯޓުތައް ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަހީނުކޮށް މަރައިލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައާއި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާއިލާތަކަށް ހިއްސާކުރަން، އެ ރިޕޯޓުތަކުގައި ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށް ފަހު ރައީސް ހުށަަހަޅާނެކަމަށް ވެސް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.
އެ މަސައްކަތްތައް ކޮމިޝަން އުވަލުމުގެ ކުރިން މި މަހުގެ ނިޔަލަށް ނިންމައިލާނެ ކަަމަށް ކޮމިޝަނުން މީގެ ކުރިން ބުންޏެވެ.
ރިލްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.
ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ސިޑި ކައިރީގައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީއެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.