ބޮޑު ޚަރަދެއްކުރި މަރު ކޮމިޝަނުން ނަތީޖާއާމެދު ދައްކާނެ ވާހަކައެއް ނެތް

މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ -- ފޮޓޯ/ ރައީސް އޮފީސް

ބޮޑެތި ޚަރަދުތަކާއި ހޭދަތަކެއް ކޮށްގެން، ހިންގުމަށްފަހު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އުވާލިއިރު އެ ކޮމިޝަންގެ މަސައްކަތުގެ ނަތީޖާއާމެދު ވިދާޅުވާނެ ވަކި އެއްޗެއް ނެތްކަަމަށް ކޮމިޝަންގެ ރައީސްކަން ކުރެއްވި ފަރީޝާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށް ބަލައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރު ކޮމިޝަން އުވައިލީ އިއްޔެއެވެ.

އެއާއެކު އެ ކޮމިޝަންގެ މަސައްކަތްތަކާއި ނެރެވުނު ނަތީޖާއާމެދު ދެކިވަޑައިގަންނަވާ ގޮތް ހޯދުމަށް "ސަން"އިން ފަރީޝާއާ ސުވާލުކުރުމުން ވިދާޅުވީ އެ ކޮމިޝަނުން ޖަވާބުދާރީވަމުން އައީ ރައީސަށް ކަމަށެވެ.

ނަތީޖާއާމެދު ދަންނަވާނެ ވަކި އެއްޗެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޭގައި ވާނެ ގޮތަކީ އަޅުގަނޑުމެން ކޮންމެ އެއްޗެކޭ ދެންނެވިއަސް ވެސް ވަކި ތަފާތެއް ނޯންނާނެ. އަޅުގަނޑަކަށް ތިއާ ބެހޭ ގޮތުން މި ވަގުތު އެއްޗެއް ދެންނެވޭކަށް ނެތް. އެއީ އަޅުގަނޑުމެން ރައީސަށް ރިޕޯޓުކޮށްފައި އޮތީ،" ފަރީޝާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ނިމިދިޔަ ސަރުކާރުން ރިޔާސީ ކޮމިޝަނެއްގެ ގޮތުގައި މަރު ކޮމިޝަން އުފެއްދީ 27 މައްސަލައެއް ބެލުމުގެ ގޮތުންނެވެ.

އެ ކަންކަން ބަލައި ތަހުގީގުކުރަަން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ކޮމިޝަނަށް ޚަރަދުކުރިއެވެ. ނަމަވެސް ކުރި ޚަރަދާ އެއްވަރަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޖުމްލަ 10 މައްސަލައެއް ނިމުނުކަމަށް ބަލައި ކޮމިޝަންގެ ހޯދުންތައް އެކުލަވައިލައި ރިޕޯޓުތައް ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި، ރައުދާ އާތިފްގެ މަރުގެ މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައާއި، މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ރިލްވާން އަހްމަދުގެ މައްސަލައާއި، ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަ ހިމެނެއެވެ.

އެހެން ނަމަވެސް އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ނެރުނު ރިޕޯޓާ ގުޅޭ ގޮތުންނާއި، ރިލްވާނާއި ޔާމީންގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާއިލާތަކާ ހިއްސާކޮށްފައެއް ނުވެއެވެ. އެ އާއިލާތަކުް އަދިވެސް އެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.

މަރު ކޮމިޝަނަށް 2019ގައި އެކަނިވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، 2018އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، މުސާރައާއި އެލަވަންސަށް 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މި ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 17، 2018ގައެވެ. މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ.

comment ކޮމެންޓް