މަރުގެ ރިޕޯޓުން ފެންމަތިކުރި ސުވާލާއި ޝައްކާއި ވަހުމު!

މަރުގެ ކޮމިޝަނުން ނެރެފައިވާ ތަހުގީގު ރިޕޯޓް -- ސަން ފޮޓޯ

މީގެ ހަތް އަހަރު ކުރިން ރަހުމް ކުޑަ ގޮތަކަށް މަރާލި ޑރ. އަފްރާޝީމް އަލީގެ މަރަކީ، އެންމެނަށްވެސް ވަރަށް ބޮޑު ސިހުމެއް ގެނުވި މަރެކެވެ. ހަތް އަހަރުވީއިރު، އެ މަރުގެ ހަގީގަތް އޮތީ އަދިވެސް ނުހޯދި އެވެ. އެފަދަ މަރުތަކުގެ ހަގީގަތް ހޯދުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު ވައުދެވެ.

އެ ވައުދު ފުއްދުމަށްޓަކައި ވެރިކަމުގެ ފުރަތަަމަ ދުވަހުގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަފްރާޝީމް މަރާ ގުޅޭ ތަހުގީގު ނިންމައި ރިޕޯޓް ރައީސް އޮފީހާ ހިއްސާކޮށްފަ އެވެ. އާދިއްތަ ދުވަހު ރައީސް އޮފީހުން އެ ރިޕޯޓު އާންމު ކުރި އިރު، އަފްރާޝީމްގެ އާއިލާއަށް އެ ރިޕޯޓުން ލިބުނު ހިތްހަމަޖެހުމެއް ނެތެވެ.

ސަތޭކައެއްހާ ސަފްހާގެ ރިޕޯޓުން ވަރަށް ބައިވަރު ވާހަކަ ކިޔައިދިން ނަމަވެސް، އާއިލާތަކާއި އާންމުންގެ ހިތުގައި އެ މަރާ މެދު އުފެދިފައިވާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ރިޔާސީ ކޮމިޝަންގެ ތަހުގީގުން އެ މަރުގެ އެންމެ ފުނަށް ދެވިއްޖެ ހެއްޔެވެ؟ އެ ގަތުލުމުގެ ހަގީގީ މޯޓިވް އާއި އެކަމަށް ފައިސާ ހަރަދު ކުރި ބައެއް އެނގުނު ހެއްޔެވެ؟ އެ ރިޕޯޓުން މި ސުވާލުތަކަށް ޖަވާބު ނުލިބުނު އިރު އަނެއްކާ ވެސް އިތުރު ސުވާލުތަކެއް އެ ރިޕޯޓުން ވަނީ ފެންމަތިވެފަ އެވެ.

އިތުރު ޝައްކު، ކަންކަން ސާފެއް ނުވޭ!

އަފްރާޝީމްގެ މަރުގެ ތަހުގީގަށް ސީދާ ކޮމިޝަނުން ސުވާލުކޮށްފައިވަނީ ވަރަށް މަދު ބަޔަކާކަން ރިޕޯޓް ކިޔާލުމުން ސާފުވެ އެވެ. ނޫނީ ސުވާލު ކުރި ނަމަވެސް، ކޮމިޝަންގެ ރިޕޯޓުގައި އެ ބަޔާންތައް ނުހިމެނީ އެވެ. އެކަމަކު ކަމުގެ ހަގީގަތް ބުނެދޭން އެ ބަޔާންތައް މުހިންމެއް ނޫން ހެއްޔެވެ؟

އާންމު ކުރި އެ ރިޕޯޓުގައި ކޮމިޝަނުން ހިމަނާފައިވަނީ، ގިނަ ބަޔާންތަކަކީ، ކުރިން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތަކެެކެވެ. އާ ބަޔާނަކަށް އޮތީ، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކާއި ފުލުހުންގެ ކުރީގެ އިންޓެލްގެ ވެރިޔަކު ދެއްވި ބަޔާނެއް އަދި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ބަޔާނެކެވެ. ދެން ހުރީ ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ބަޔާންތަކުގެ ނަކަލެކެވެ.

އަފްރާޝީމް ގަތުލުކޮށްލިކަން ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމް މީގެ ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަށް ރިއާޔަތް ކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އަފްރާޝީމްގެ މަރަށް ފަންޑު ކުރި އެކަކީ، އޭރު އެމްޑީޕީއަށް ނިސްވަތްވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވި އެވެ. ނަމަވެސް ރިޕޯޓުގައި ޖާ އާ ސުވާލު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ބުނެފައެއް ނުވެ އެވެ. ޖާ އަށް އެހާ ބޮޑު ތުހުމަތެއް ކުރި، އިރު ޖާގެ ބަޔާން ނެތުމަކީ ސުވާލު އުފެދޭ ކަމެކެވެ.

އަފްރާޝީމްގެ ޖަނާޒާގެ ތެރެއިން: ކޮމިޝަންގެ ރިޕޯޓުގައި ސުވާލު ކުރަން ޖެހޭ ގިނަ މީހުންނާ ސުވާލު ނުކުރޭ --- ސަން ފައިލް ފޮޓޯ

ޖާ ފަންޑުކުރި ކަމަށް ބުނެ އެ ތުހުމަތުތަކުގެ އަޑު އޭރު ގަދަވި އިރު، އެމްޑީޕީއަށް ވެސް ބަޔަކު ދިޔައީ އަފްރާޝީމްގެ މަރާ ގުޅިގެން ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމުގައި ރީކޯ މޫސާއަށް ވެސް އޭރު ބައެއް މީހުން ތުހުމަތުތަކެއް ކުރި އެވެ. ނަމަވެސް ކޮމިޝަނުން އެކަމުގެ ހަގީގަތް ހޯދުމަށް ރިކޯ މޫސައާ ވެސް ސުވާލުކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ. އަދި އެމަރު ހިންގީ ހަތަރު ލައްކަ ރުފިޔާ ބަޔަކަށް ދީގެން ކަަމަށް ރިޕޯޓްގެ އެކި ތަންތަނުގައި ބަޔާން ކުރިޔަސް، އެކަމުގެ ފުނަށް ދިޔުމަށް ކުރި މަސައްކަތެއް ރިޕޯޓުން ފާހަގައެއް ނުވި އެވެ.

އެއީ ހަގީގަތެއް ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ނޭނގުނެވެ. ހަމައެކަނި ހުރީ ތުހުމަތުތަކެއް ބަޔާންކޮށްފަ އެވެ. އަދި އެ ތުހުމަތުތައް އޮތީ، ހުސެން ހުމާމް ކުރިން ފުލުހުންނަށް ދިން ބަޔާނާއި އިންޓަލްގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ފުލުހަށް ދިން ބަޔާނެއްގައި ބުނެފައިވާ ވާހަކަތަކެއް އެކަންޏެވެ.

އަފްރާޝީމް އަވަހާރަކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ ޑރ. އަފްރާޝީމު އަވަހާރަކޮށްލި މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާޝީމް މަރާލި މީހާ ވަނީ އެ ރޭ ރާއްޖެ ދޫކޮށް ގޮސްފައި. އެ ރޭ އެ މީހަކު ވަނީ މެދުއިރުމަތީގެ ގައުމަކަށް ފުރައިގެން ގޮސްފައި. އެއީ މި ރާއްޖެއާ ގާތް ގައުމެއްގައި ހިނގައި ދިޔަ ހާދިސާއަކާ ގުޅުން ހުރި އަމަލެއް. މިއީ ބައިނަލްއަގްވާމީ ކަމެއް." 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ހދ. ވައިކަރަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދަަށް އެވާހަކަތައް އެނގުނު ގޮތެއް އަދި އެކަމުގެ ހަގީގަތް ކޮމިޝަނުން ބަލާފައިވާ ތަނެއް ރިޕޯޓަކުން ނުފެނުނެވެ.

އެ މަރާ ގުޅިގެން ދެން އެންމެ އަޑު ގަދަވީ، އަފްރާޝީމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން އުޅުނު ކަމުގެ އަޑުތަކެވެ. އޭރު ޕާޓީތެރޭގައި އޮތް ވާދަވެރިކަމެއްގެ ސަބަަބުން އޭނާ މަރާލީ ކަމަށް ތުުހުމަތު ކުރި އެވެ. ނަމަވެސް ރިޕޯޓުގައި އަފްރާޝީމަކީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯއްދަވާނެ ބޭފުޅެއް ނޫން ކަމަށް އޭނާގެ ގާތް އެކިވެރިޔަކާ ހަވާލާދީ ރިޕޯޓްގައި ބުނުން ފިޔަވައި އިތުރު ބަޔަކާ ސުވާލުކޮށް ހަގީގަތް ހޯދާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އޭރުގެ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ސުވާލެއް ކުރި ކަމަކަށް ބުނެފައެއް ނެތެވެ. އެޕާޓީގެ ރިޔާސީ ކެންޑީޑޭޓްކަން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާވެސް ތަހުގީގުގައި ސުވާލެއް ނުކުރެ އެވެ. އެކަމަކު، އެ މަރުގެ ރޭވުމުގެ އެންމެ އަޑީގައި ހުރި އަޒްލިފް ރައޫފާ ރައީސް ޔާމީންއާ ގުޅުން އޮތް ކަމާއި ފައިސާގެ އެހީތައް އަޒްލިފަށް ރައީސް ޔާމީން ދެއްވި ކަމަށް ކުރީގެ މެންބަރު ނާޒިމް ތުހުމަތު ކުރައްވާ ކަމަށް ރިޕޯޓްގައި ބަޔާންކުރި އެވެ.

އެ މަގުން ގޮސް، ރައީސް ޔާމީނާއި އެ މަރާ އޮތް ގުޅުމަކާއި އޭގެ ހަގީގަތް ހޯދުމަށް ސިޔާސީ މީހުންނާވެސް ކޮމިޝަނުން ސުވާލު ނުކުރީ ކީއްވެ ހެއްޔެވެ؟

އަފްރާޝީމް ބައްޕައާ ރައީސް މައުމޫން ސަލާމް ކުރައްވަނީ: ކޮމިޝަންގެ ރިޕޯޓުގައި ރައީސް މައުމޫން އަދި އާއިލާގެ ބަހެއް ހިމަނާފައި ނުވޭ --- ސަން ފައިލް ފޮޓޯ

އަފްރާޝީމްއާ ގުޅޭ ގިނަ މައުލޫމަތު އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ހަމަ ގައިމުވެސް އޭނާގެ އާއިލާ އެވެ. އަފްރާޝީމަށް އެފަދަ ބިރުވެރިކަމެއް ނުވަތަ މަރުގެ އިންޒާރެއް އައިސްފައިވާނަމަ އެކަންވެސް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އޭނާގެ އައިލާ އެވެ.

ނަމަވެސް ރިޕޯޓުގައި އާއިލާއާ ހަވާލާދީ އެއްވެސް ވާހަކައެއް ނެތެވެ. އާއިލާގެ ފަރާތުން ކޮމިޝަނުން މައުލޫމާތު ސާފުކޮށްފައި ނުވާ ނަމަ، އެއީ ވެސް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމެެވެ.

މައްސަލައިގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވާ މީހުންނާވެސް ކޮމިޝަނުން ސުވާލުކޮށްފައި ނުވުމެވެ. ސުވާލު ކުރި ނަމަ އެ ބަޔާންތައް ނެތީ ކީއްވެ ކަމެއް ސާފުނުވެ އެވެ.

ތަހުގީގުގެ އަމާޒު އެއް މިސްރާބަކަށް!

އަފްރާޝީމް މަރާލިއިރު ދިރިއުޅުއްވި ގޭގެ ސަރައްހަދު ކޯޑަން ކޮށްފައި: ތަަހިގީގު އޮތީ ވަރަށް ބޮޑަށް އެއް މިސްރާބަކަށް ---

މަރު ކޮމިޝަނުން އަފްރާޝީމްގެ މަރުގެ ތަހުގީގު ކޮށްފައިވަނީ ޖުމަލަ ހަތަރު ކަމަކަށް ބަލައިގެނެވެ. އެ ހަތަރު ކަންތައްކަށް ބަލައި ކޮމިޝަނުން ކުރި މަސައްކަތް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

ކޮމިޝަންގެ ތަހުގީގަށް ބެލި ހަަތަރު ކަންތައް:

  • އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް.
  • އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން.
  • 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި.
  • ދީނީ ގޮތުން ހިޔާލު ތަފާތުވުން.

ކޮމިޝަންގެ ރިޕޯޓުގައި އެންމެ ގިނަ ވާހަކަތަކެއް އައިސްފައި ހުރީ ދީނީ ގޮތުން ހިޔާލު ތަފާތުވުންތަކާ ގުޅިގެެން އެވެ. އެންމެ ގިނަ ބަޔާންތަކާއި ހެކިތައްވެސް ހިމަނާފައި ހުރީ އެ ދިމާލަށެވެ.

އަފްރާޝީީމްގެ މޫނުދެއްކުން: ރިޕޯޓުގައި ބުނަނީ އެއީ ދީނީ ކަމެއް ކަމަށް --- ފައިލް ފޮޓޯ/ ވީނިއުސް

ފުލުހުން ބުނެފައިވާ ގޮތުގައި އެއީ ސިޔާސީ ގޮތުން ބަޔަކު ކުރި ކަމެކެވެ. އެދުވަސްވަރު، ސިޔާސީ މީހުން އެއް ޕާޓީ އަނެއް ޕާޓީ ބޮލުގައި އެ މަރު އަޅުވަމުން ދިޔަ އެވެ.

އެމްޑީޕީން ނިސްބަތްވާ ގިނަ މީހުން އޭރު ބުނަމުން ދިޔައީ، އެކަން ކުރީ ޕީޕީއެމް އިން ކަމަށެވެ. އަދި ޕީޕީއެމްއަށް ނިސްބަތްވާ މީހުން ބުނަމުން ދިޔައީ، އެކަމަކީ ރާއްޖޭގައި ހައްދު ފަހަނަ އެޅުން އޮތް ކަމާއި އޭރުގެ ސަރުކާރުގެ ނާގާބިލްކަން ބޭރު ދުނިޔެއަށް ދެއްކުމަށް އެމްޑީޕީ އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ކޮމިޝަންގެ ރިޕޯޓުގައި އެެ އޭންގަލުން ތަހުގީގު ހިންގާފައެއް ނުވެ އެވެ. އެކަމަކު އެ ދުވަސްވަރަކީ އެމްޑީޕީއިން ސިޔާސީ ހަރަކާތްތައް ވަރަށް ގަދަޔަށް ސަރުކާރާ ދެކޮޅަށް ހިންގި ދުވަސްވަރެކެވެ. އަދި ސަރުކާރަށް އެކި ޕްރެޝަރުތައް ކުރަމުން ދިޔަ އެވެ. އެކަމަކު އެ އޭންގަލުން ތަހުގީގު ނުހިންގީ ކީއްވެ ހެއްޔެވެ؟

ކުރީގެ މެންބަރު ނާޒިމްގެ ބަޔާނުގައި، ކުރީގެ ނައިބު ރައީސް އަދި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބާ ޖާއާ ގާތް ގުޅުމެއް އޮތް ކަމާއި ސިޔާސީ ކަންކަމުގައި މުއާމަލާތްތަކެއް ހިނގި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް ވެސް ތިލަކޮށްދީފައެއް ނުވެ އެވެ.

އެންމެ މުހިންމު ސުވާލަށް ޖަވާބެއް ނުލިބޭ!

އަފްރާޝީމްގެ އަނބިކަބަލުންނާއި ދަރިން މަޖިލީހުގައި: ކޮމިޝަންގެ ރިޕޯޓުން އަދިވެސް ޖަވާބު ނުލިބޭ އެތައް ކަމެއް އެބަހުރި --- ފައިލް ފޮޓޯ/ މަޖިލިސް

ރިޕޯޓުގައި ބުނެފައިވަނީ، އަފްރާޝީމް މަރާލާފައިވަނީ ދީނީ ހިޔާލުތަފާތުވުންތަކާ ހުރެ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ފަންޑުކޮށްގެން ކަމަށެވެ. އަދި ޕްލޭން ރޭވުމުގެ މޭސްތިރިޔަކީ ހ. ހިލްޓަން އަޒްލީފް ރައޫފު ކަމަށެވެ. އަދި އަމަލީ ގޮތުން ބައިވެރިވީ، ހ. ލޮބީ ހުސައިން ހުމާމް އާއި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އަދި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށެވެ. ނަމަވެސް އެހާ ހިސާބުން ތަހުގީގު ނިންމޭކަށް ނެތެވެ. އަދިވެސް ސުވާލު އުފެދޭ ބައިވަރު ކަންކަން އެބަހުއްޓެވެ.

އެ ގަތުލާއި އެހެން ވެސް ބޮޑެތި ހައިޕްރޮފައިލް މަރުތަކުގެ މޭސްތިރިޔެއް ކަމަށް ތުހުމަތުވާ އަޒްލީފާއި އެހެން ވެސް ބަޔަކު ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ އެ ރިޕޯޓްގައި ވެސް ފާހަގަ ކުރި އެވެ. އެކަމުގައި އެ މީހުން ފުރުވާލުމުގެ އަޑީގައި ތިބި މީހުން ރިޕޯޓުން ހާމައެއް ނުވި އެވެ. ހަރުކަށީ ޖަމާއަތުން އަޒްލީފަށް ޑީލް ހުށަހެޅީ ސީދާ ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމުގެ ތަފްސީލަކީ ކޮބާ ހެއްޔެވެ. މިކަމުގައި ފަންޑު ކުރީ ކޮން ބައެއް ހެއްޔެވެ؟ މިހާރު އެމީހުން ކޮބާ ހެއްޔެވެ؟

ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރިވި ކަމަށް ބުނާއިރު އެއީ ކޮން ބައެއް ހެއްޔެވެ؟ އެކި މީހުންނަށް ބޮޑެތި ތުހުމަތުކޮށް ކޮމިޝަންގެ ރިޕޯޓް ނެރުނު އިރު އެމީހުންނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ހެއްޔެވެ؟ މިއީ އަދިވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

ކޮމިޝަންގެ ޒިންމާއަކީ މަރުތަކުގެ އެންމެ ފުނަށް ދިޔުމެވެ. ކޮމިޝަންގެ ރިޕޯޓުން އަފްރާޝީމްގެ މަރުގެ އެންމެ ފުނަށް ދެވިފައި ނުވެ އެވެ. އެ މަރުގެ އަޑީގައި ތިބި ބައެއް އަދިވެސް ނުބުނުދެވެ އެވެ. ހެކި ނުލިބުމާއި ފުލުހުންގެ އެއްބާރުލުން ނުލުބުމާއި ތުހުމަތުވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަކީ އެކަމުގެ އުޒުރަކަށް ވެގެން ނުވާނެވެ. ގާނޫނުން ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވަނީ، ވީ އެންމެ ފުރިހަމަޔަށް އެކަން ކުރާށެވެ. އެކަމަކު އެ ތަހުގީގު ހިންގީ އެގޮތަށް ހެއްޔެވެ؟

ކޮމިޝަނުން ދެން ކުރަންވީ ކަމެއް ފާހަގަކޮށްފައި ނުވޭ!

މަރު ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން: ކޮމިޝަންގެ އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް --- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ރިޕޯޓުގައި ތަހުގީގަށް ފާހަގަވެފައިވާ ކަންކަން ވަނީ ހިމަނާފަ އެވެ. ނަމަވެސް އެ ތަހުގީގާ ގުޅިގެން ދެން ކުރަން ޖެހޭ ކަމެއް ނެތެވެ.

އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ކޮމިޝަނަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެއީ ކޮމިޝަންގެ ފަސް މެމްބަރުންގެ ރިޕޯޓެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމަތު ލިބޭނީ ކޮމިޝަންގެ އަގުލަބިއްތަކުން ނޫންކަން އެ ރިޕޯޓު ނެރެފައިވަނީ. ދެ ބޭފުޅުންގެ ނިންމުމެއްގެ މައްޗަށްކަން ރިޕޯޓު ނެރުފައިވަނީ. މިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދެއްވަން އެ ބަޖެހޭ،" އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ.

"ބޭނުންވާ ގޮތަށް މިސްރާބު ބައްދަލުކޮށްލާފައިވާ ކަމަށް. އަދި ބައެއް ބޭފުޅުން [ކޮމިޝަންގެ ބައެއް މެމްބަރުން] އިސްތިއުފާ ދެއްވަން މަސައްކަތް ކުރެއްވި ކަމަށްވެސް މައުލޫމަތު ލިބިފައިވޭ،"

ހުސައިން މުހައްމަދު ލަތީފު އެގޮތަށް ވިދާޅުވިއިރު، ރިޕޯޓު ނެރުމަށްފަހު ތިން ދުވަސް ވެފައިވާއިރުވެސް މިހާތަނަށް ކޮމީޝަނަނުން އެ ރިޕޯޓާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ރިޕޯޓްގައި ދެން އަޅަންވީ ފިޔަވަޅުތަކެއް ބަޔާނެއް ނުކުރެ އެވެ. ރެކޮމެންޑޭޝަންތަކެއް ނެތެވެ.

މަރު ކޮމިޝަން ހުވާ ކުރުމުގެ ތެރެއިން: އެ ކޮމިޝަންގެ ރިޕޯޓުން އަދިވެސް ޖަވާބު ނުލިބޭ އެތައް ކަމެއް އަބުހުރި --- ފޮޓޯ/ ރައިސް އޮފީސް

ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި މައުލޫމަތު ހިއްސާ ކުުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އިރު، އަފްރާޝީމްގެ މަރުގެ ތަހުގީގު މައުލޫމަތު ހިއްސާ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. މި ރިޕޯޓާ ގުޅިގެން ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ލައްކަ ސުވާލު އެބަ ހުއްޓެވެ.

މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި ކޮމިޝަންގެ ރައީސް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ އައިސް އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވާނެ އެވެ.

ރިޕޯޓުގެ ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ނުކުރުމާއި އަޑި ހޯދަން ޖެހޭ އެތަން ކަމެއްގެ އެންމެ އަޑިއަށް ނުދެވި ރިޕޯޓް މި ވަނީ ނިންމާލައި ނެރެފަ އެވެ. ރިޔާސީ ކޮމިޝަނަކުން ވެސް އެ މަރުގައި ޖަވާބު ނުލިބޭ އެތައް ކަމެއް އެބަހުއްޓެވެ. އަފްރާޝީމްގެ އެންމެ ދޮށީ ބޭބެ، ވިދާޅުވާ ގޮތުގައި އެ ރިޕޯޓް ބަލައެއް ނުގަނެވެ އެވެ. ކޮމިޝަނުން ވެސް ކުޅެނީ ޑްރާމާ އެވެ. އެއީ ހަމަ ގައުމުގެސް ރައީސްގެ ވައުދާ އެއްގޮތަށް އެ މަރުގެ ހަގީގަތް ހޯދުނުކަމަކަށް އެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. ހަގީގަތުގައި ވެސް އެ ރިޕޯޓުން އިތުރަށް ފެންމަތިވީ އިތުރު ސުވާލުތަކާއި ޝައްކާއި ވަހުމެވެ.

comment ކޮމެންޓް