ނިޔާވި މީހާގެ ގައިގައި ޖެހުނު ލޯންޗު ކައްޕީގެ ބަންދަށް 15 ދުވަސް

ފާނަ ބާނަން މީހާ ފޭބި ސަރަހައްދު: އެ މީހާ ނެގި އިރުވެސް ނިޔާވެފައި އޮތް ކަމަށް މައުލޫމާތު ލިބިފައިވޭ --

އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި އިއްޔެ ލޯންޗަކުން ޖެހި އެ މީހާ ނިޔާވި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލޯންޗު ކައްޕީގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ލޯންޗު ދުއްވަންއިން ކައްޕި ހައްޔަރުކޮށްފައެވެ. އެއީ، ދިވެހި ފިރިހެނެއް ނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ، ކައްޕީގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މަސްވެރިކަމަށް މޫދަށް ފައިބައި އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 7:55 އެހާކަންހާއިރެެވެ. އެ މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއް ކަމަށެވެ. އެ މީހާ ފާނަ ބާނަން ގޮސް އުޅުނީ ދޯންޏެއްގައި ދިވެއްސަކާއި އިތުރު ހަތަރު ބިދޭސީންނާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/192690

އެ ބިދޭސީ މީހާ ދަތުރުކުރި ފ. ފީއަލީ، 'ޓްވިންސް' ދޯނީގެ ވެރިފަރާތް ގައްސާން މުޙައްމަދު މީގެ ކުރިން "ސަން"އަށް ބުނީ، ފާނަ ބާނަން ފޭބީ ދިދަ ޖަހައިގެން ކަމަށެވެ. އެ މީހާ ގައިގައި ލޯންޗުން ޖެހުމުން ދޯނީގައި ތިބި މީހުން އޭނާ ނަގަން ފޭބި ކަމަށް ގައްސާން ބުންޏެވެ.

"އޭނާ ނެގިއިރު ވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.

އެ ބިދޭސީ މީހާގެ ހަށިގަނޑު ވެސް އޮތީ ދެ ބުރިވެފައެވެ.

ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓުވި ލޯންޗަކީ މާމިގިއްޔާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް