ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.

ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު "ސަން"އަށް ވިދާޅުވީ ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.

އެ މީހާ ފާނަ ބާނަން ގޮސް އުޅުނީ ދޯންޏެއްގައި ދިވެއްސަކާއި އިތުރު ހަތަރު ބިދޭސީންނާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިދޭސީ މީހާ ދަތުރުކުރި ފ. ފީއަލީ، 'ޓްވިންސް' ދޯނީގެ ވެރިފަރާތް ގައްސާން މުޙައްމަދު "ސަން"އަށް ބުނީ ފާނަ ބާނަން ފޭބީ ދިދަ ޖަހައިގެން ކަމަށެވެ. އެ މީހާ ގައިގައި ލޯންޗުން ޖެހުމުން ދޯނީގައި ތިބި މީހުން އޭނާ ނަގަން ފޭބި ކަމަށް ގައްސާން ބުންޏެވެ.

"އޭނާ ނެގިއިރުވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.

އެ މީހާގެ ހަށިގަނޑު ދަނގެތީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ގައްސާން ބުންޏެވެ. އަދި ލޯންޗު ވެސް މިހާރު އޮތީ އެ ރަށުގައި ކަމަށާއި ފޮރެންސިކް ޓީމެއް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ލޯންޗަކީ މާމިގިއްޔާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ، ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:55ހާއިރު ކަމަށެވެ.

ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފާނަ މަސްވެރިކަން އާންމުކޮށް ކުރަނީ މޫދަށް އެރި، ފީނައިގެންނެވެ.

comment ކޮމެންޓް