ރާއްޖޭގައި ސަރުކާރުން ހިންގާ ސްކޫލްތައް ފިނިކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ "ކޫލް ސްކޫލް ޕްރޮޖެކްޓް" މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހު ކުރީ މިއަދު ހެނދުނު ކ. މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ތައުލީމަށް ޚަރަދު ކުރަން މި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.
ގައުމު ބިނާކުރުމަކީ ރައީސް އެންމެ އިސްކަން ދެއްވާ ކަންތައްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ތައުލީމަށް ފަރުވާކުޑަކޮށްގެން އެ ކަން ހާސިލް ނުވާނެ ކަމަށެވެ.
"ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސްވާނެ. ފިނިކަމާ އެކުގައި ދަރިވަރުންގެ އުޅުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓުގެ މަފްހޫމު މާނަ ކުރައްވަނީ އެ ގޮތަށް ކަމަށެވެ.
ސްކޫލްތައް ފިނިކުރުމަށްޓަކައި ހިންގާ މި މަޝްރޫއުގެ ސަބަބުން ސްކޫލްތަކުގެ ކަރަންޓު ބިލަށް ބަދަލު އަންނާނެއެވެ. މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ނިމުމާ އެކު، މިހާރު ސްކޫލްތަކުގެ ކަރަންޓު ބިލަށް ހޭދަވާ ވަރަށްވުރެ އިތުރަށް ޚަރަދުވެގެން ދާނީ 38 އިންސައްތަ ކަމަށެވެ. އޭގެ ތެރެއިން 30 އިންސައްތަ ކަރަންޓަކީ އެންމެ މަދުވެގެން ވެސް އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ގޮތުގައި ހެދުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި އޭސީ ހަރުކުރުމުން، ކޮންމެ ރަށެއްގައި ވެސް އުފެދިގެން އެ އަންނަނީ "އައު އިންޑަސްޓްރީއެއް" ކަމަށެވެ. އެ ގޮތުން އޭސީތައް މެއިންޓެއިންކުރާނެ ޓެކްނީޝަނުން ބޭނުންވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫއާ އެކު، ކޮންމެ ރަށަކުން ވެސް އާމްދަނީ ލިބޭނެ އިތުރު މީހުން އުފެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުވުމަކީ ޓީޗަރުންނާއި ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކޫލް ސްކޫލް ޕްރޮޖެކްޓާ އެކު މި މައްސަލަ ހައްލުވެގެންދާނެއެވެ.