'މައިދާން'އަށް ފަހު އަޖޭއަށް އިތުރު ކުޅިވަރު ފިލްމެއް

ފިލްމު 'މައިދާން'ގެ މަންޒަރެއްގައި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އޭޕްރިލް މަހު ސިނަމާތަކުގައި އެޅުވި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "މައިދާން"އަށް ފަހު ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން އަނެއްކާ ވެސް ކުޅިވަރާ ގުޅުންހުރި ފިލްމަކަށް ސޮއިކޮށްފިއެވެ.

މި ނިމުނު މެއި މަހުގެ 29ވަނަ ދުވަހު އަޖޭ ވަނީ އިންޑިއާގެ ކުރީގެ ކުރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޕަލްވަންކަރު ބަލޫގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށް ސޮއިކޮށްފައިކަން ޕްރޮޑިއުސަރު ޕްރިތީ ސިންހާ ވަނީ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ.

މަޝްހޫރު ލިޔުންތެރިޔާ ރާމް ޗަންދްރަ ގުހާ ލިޔެފައިވާ ފޮތް 'އަ ކޯނާ އޮފް އަ ފޮރިން ފީލްޑް'އަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލީޑު ރޯލު އަޖޭ ކުޅޭއިރު ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އެކްޓަރު މަސައްކަތް ކުރާނެއެވެ.

އަޖޭ ދޭވްގަން އަދި ފިލްމު ޑައިރެކްޓަރު ތިގްމަންޝޫ ދޫލިއާ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު އުފެދުނު ހުނަރުވެރި ކުޅުންތެރިޔާއަކީ ކުޅިވަރުގެ ދާއިރާއިން ޤައުމީ ފެންވަރުގެ އެވޯޑެއް ނުލިބުނު ނަމަވެސް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރިކެޓް ކުޅިވަރަށް ކޮށްދީފައިވާ ތަޖުރިބާކާރެއް ކަމަށް ޕްރޮޑިއުސަރު ޕްރިތީ ސިންހާ ވަނީ ބުނެފައެވެ.

ޕަލްވަންކަރު ބަލޫގެ ހަޔާތުގެ ވާހަކަތަކަށް އާއްމުންގެ ސަމާލުކަން ލިބެން ފެށީ ލިޔުންތެރިޔާ ރާމް ޗަންދްރާ ގުހާ ލިޔުނު ފޮތުގެ ޒަރީއާއިން ކަމަށާއި ނަމަވެސް ސިނަމާ މެދުވެރިކޮށް ވީހާ ވެސް ގިނަ ބަޔަކަށް އޭނާގެ ވާހަކަ ކިޔައިދޭން ބޭނުންވާ ކަމަށް ޕްރިތީ ވަނީ ބުނެފައެވެ.

މި އަހަރުގެ ފަހުކޮޅު މަސައްކަތް ފަށަން ނިންމާފައިވާ މި ފިލްމަކީ، އަޖޭ މި އަހަރު ސޮއިކުރި ފަސްވަނަ ފިލްމެވެ. އޭގެ ތެރެއިން ދެ ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު ދެން އެންމެ އަވަހަށް އަޖޭ ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ރިލީޒްކުރާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އިންނެވެ.

comment ކޮމެންޓް