ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި އަހަރު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ސަން ސިޔާމް އިރު ވެލި މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.
މިއީ ސަން ސިޔާމް ކުންފުނިން މިއަހަރު ކުރިއަށް ގެންދާ ފަސް ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
އިރު ވެލީގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހުޅުވައިދެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަސްދޫގް ސައީދެވެ.
ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހުޅުވައިދެއްވާ ވާހަކަދައްކަވަމުން މަސްދޫގް ވިދާޅުވީ، އަމާޒަކީ ހަމައެކަނި ލޭ ހަދިޔާ ކުރުން ނޫން ކަމަށެވެ. އެގޮތުން މިހާރު ލެއަށް ބޭނުން ޖެހިފައިވާ މިންވަރާމެދު މުޖުތަމައު ހޭލުންތެރި ކުރުވުމަކީ ވެސް މުހިންމު ކަމެއް ކަމަށް މަސްދޫގު ވިދާޅުވިއެވެ.
"ލެޔަކީ އުފެއްދޭނެ އެއްޗެއްނޫން. އެއީ ތިފަދަ ދީލަތި އެހީދޭ ފަރާތްތަކުގެ ކިބައިން ލިބޭ އެހީތެރިކަމުގެ އަތެއް. މިފަދަ މުހިންމު މަސައްކަތަކަށް ތިޔަބޭފުޅުންގެ އެއްބާރުލުން ދެއްވި ކަމަށް ޓަކައި ޝުކުރު ދަންނަވަން،" މަސްދޫގް ވިދާޅުވިއެވެ.
މަސްދޫގު ވިދާޅުވީ، މިއަދު ލޭހަދިޔާކުރާ ފަރާތްތަކުން، ލޭ ހަދިޔާކުރުމަށް ނިންމި ނިންމުމަކީ އެތައް ބައެއްގެ ފުރާނައަށް އަސަރުކުރާނެ ހިތްވަރުގަދަ އަމަލެއް ކަމަށާއި މުސްތަގުބަލުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕްތަކުގައި ބައިވެރިވުމަށް ރަހުމަތްތެރިންނާއި އާއިލާއާއި އެކުވެރިންނަށް ހިތްވަރު ދިނުމަށް ގޮވާލެއްވިއެވެ.
"ލޭ ހަދިޔާ ކުރުމަކީ ފުރާނަ ސަލާމަތް ކުރުމުގެ ބާރު ލިބިގެންވާ އޯގާތެރިކަމުގެ ކަމެއް. ހަދިޔާކުރާ ލޭގެ ކޮންމެ ޔުނިޓަކުން ވެސް އޭގެ ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" މަސްދޫގު ވިދާޅުވިއެވެ.
"އައްޒަ އަދި އެމްބީއެސް ޓީމުން މި އިވެންޓް ކުރިއަށް ގެންދިއުމަށް ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން. މި ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ ބޮޑު ކާމިޔާބީއަކަށް ހަދަމާ. އަޅުގަނޑުމެން އެންމެން ގުޅިގެން ތަފާތެއް ގެނެވިދާނެ،"
މި ހަރަކާތަކީ ސަން ސިޔާމް ރިސޯޓްސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015ވަނަ އަހަރު ފެށި ވަރަށް ކާމިޔާބު ހަރަކާތެކެވެ.
އޭގެ ފަހުން މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށްފަހު މި ހަރަކާތް އަލުން ފަށާފައި ވަނީ މިދިޔަ އަހަރެވެ.
މި އަހަރުގެ ހަރަކާތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. އެއަށްފަހު މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޔާމް ވޯލްޑްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު 21 ވަނަ ދުވަހު ސަން ސިޔާމް ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕާއި މި މަހުގެ 26 ވަނަ ދުވަހު ސަން ސިޔާމް އިރު ފުށީ މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު މީގެ ކުރިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 459 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ.