ކަރަންޓް ބިލާމެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅާ، އެއް ދުވަސްތެރޭ ޖަވާބު ދެނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް

ކަރަންޓު ބިލާ މެދު އެއްވެސް ޝަކުވާ އެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމުން އެއް ދުވަސްތެރޭގައި ޖަވާބު ދޭނެ ކަމަށް، ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ވޭތުވެދިޔަ މަހު ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތުން، މި ދުވަސްވަރަކީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން މި މަހުގެ ކަރަންޓު ބޮޑުވާން ދިމާވި ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. އެގޮތުން މިހާރުވެސް އާންމުން އަންނަނީ ސްޓެލްކޯ ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް އަދި ބިލިންގެ ނަމްބަރު ކަމަށްވާ 7788438 އަށް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޝަކުވާތައް ހުށަހަޅަން ޖެހޭ އީމެއިލްއަކީ [email protected] އެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުތެރޭ ޖަވާބުދާރީ ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނީ ކަރަންޓު ބިލު ބޮޑު ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވަނީ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ނިންމައިފައެވެ. އެގޮތުން، މި އަހަރުގެ މާޗު މަހުގެ ބިލާއި އޭޕްރީލް މަހުގެ ބިލުން ވެސް ވަނީ ޑިސްކައުންޓު ދީފައެވެ.

އެހެންވެ، ޑިސްކައުންޓް ދިން ބިލްތަކާ އަޅައިބަލާއިރު ވެސް، މި މަހުގެ ބިލް ބޮޑުކަން ފާހަގަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން މީގެ ކުރިން "ސަން"އާ ހިއްސާކޮށްފާއިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ދެ މަހުގެ ބިލަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ވަނީ ޖުމްލަ 61.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ސްޓެލްކޯއިން އޭރު ބުނީ، ޑިސްކައުންޓާ އެކު އެވްރެޖްކޮށް ބިލަކުން މާޗު މަހު 333.14 ރުފިޔާ މަދުވެފައިވާ ކަމަށެވެ. އަދި، އޭޕްރީލް މަހުގެ ބިލުތަކުން އެވްރެޖްކޮށް 656.79 ރުފިޔާ މަދުވެފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްޓެލްކޯގެ އިތުރުން ވެސް ފެނަކައާއި ފެން ކުންފުނި އެމްޑަބްލިއުއެސްސީން ވެސް ވަނީ ރޯދަ މަހުގެ ބިލުތަކުން ޑިސްކައުންޓު ދީފައެވެ.

comment ކޮމެންޓް