ބޭނުންނަމަ ސްޓެލްކޯއިން ބިލްކުރާ ގޮތް ބަލަން މުއައްސަސާތަކަށް ދައުވަތު ދީފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ: ރައީސް އޮފީސް

ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަށް ބިލްކުރަމުން ނުދާނެ ކަމުގެ ޔަގީންކަންދީ، އެ ނޫން ގޮތަކަށް ބިލްކުރަމުންދޭތޯ މުއްސަސާތަކުން ބެލުމަށް ސްޓޭލްކޯއިން ދައުވަތު ދީފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސްޓްލެކޯއަށް ތުހުމަތުތަކެއް އަމާޒު ކުރައްވާފައި ވަނިކޮށެވެ. އެ މަނިކުފާނު ތުހުމަތު ކުރެއްވީ ސްޓެލްކޯއިން އެ ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ކަންކަން ކުރަމުންގެންދާ ކަމަށެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ އުސޫލުތަކާ ޚިލާފަށް އެ ކުންފުނިން އަމަލުކުރަމުންދާ ކަމަށްބުނެ، އަޑުފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް. މިދެންނެވި އުސޫލުތަކާއި ޚިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން," އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާގޮތަށް، އެ ފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން އެ ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި ރައްޔިތުން އެ ކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށް ޓަކައި، ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ ޚިދުމަތް އެ ގޮތުގައި ކުރިއަށް އޮތް ތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

"މި ކުންފުނިން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ މިކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަން. އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވަން،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެ ވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށް ބުނެފައިވެއެވެ.

އެ މަސައްކަތުގައި ގެންގުޅޭ އަޚްލާގާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އެ ކުންފުނި ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް