މާލެ ސިޓީ ކައުންސިލަށް ތިން މެންބަރުން އިންތިޚާބުކުރުން ޖުލައި 20ގައި

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ކައުންސިލަރުންގެ ގޮނޑިއަށް އާ ކައުންސިލަރުން ހޮވުމަށް އަންނަ މަހު ބައި އިލެކްޝަން ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލަށް ތިން މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން އަންނަ މަހު 20ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހުސްވެފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

ބައި-އިލެކްޝަންގައި މާލެ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާ ތިން ދާއިރާއަކީ:

  • މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހުޅުމާލެ ދާއިރާ)
  • މާލެ ސިޓީ ކައުންސިލްގެ މެންބަރު (މައްޗަންގޮޅި މެދު ދާއިރާ)
  • މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ހުޅަނގު ދާއިރާ)

މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރަކީ އިބްރާހީމް ޝުޖާއުއެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާވަނީ ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު، އަޙްމަދު ޒަމީރު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެފައިވާއިރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު، އަޙުމަދު އައިފާން އިންތިޚާބުވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަމަށެވެ.

އީސީއިން އިއްޔެ ކުރި އިޢުލާނުގައިވަނީ މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާ ހިމެނޭ ގޮތަށް ކައުންސިލްތަކުގެ އަށް ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ އިތުރަށް ބައި-އިލެކްޝަންގައި ވާދަކުރަން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:

  • ޅ އަތޮޅު ކައުންސިލް ރައީސް
  • ފ. ބިލެތްދޫ ކައުންސިލް ރައީސް
  • ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)
  • ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
  • ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)

އީސީން ކުރި އިއުލާނުގައި ބުނެފައިވަނީ ބައި-އިލެކްޝަން ބާއްވާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިދިޔަ ބުރާސްފަތި ދުވަހުގެ 10:00އިން ފެށިގެން، މިމަހުގެ 14 ވާ ހުކުރު ދުވަހުގެ 16:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ވޯޓުލުން ކުރިޔަށްދާނީ އަންނަ މަހު 20ގެ 8:00 އިން 16:00 އަށް ކަމަށް އީސީން ބުނެއެވެ. އިތުރަށް ބުނެފައިވަނީ ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22ގައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 13ގައި މާލޭ ސިޓީ ކައުންސިލަށް މޭޔަރަކާއި މާފަންނު ދެކުރު ދާއިރާއާއި މެދުހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުން ހޮވުމަށް ބައިއިލެކްޝަނެއް ބޭއްވިއެވެ.

މޭޔަރުކަމަށް، އެމްޑީޕީގެ އާދަަމް އާޒިމް ހޮވިވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ ގޮނޑި ވެސް އެ ޕާޓީއަށް ލިބުނެވެ. ނަމަވެސް ހެންވޭރު ދެކުނާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ.

އެ ގޮނޑިތައް ހުސްވީ ކުރިން މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނާއި އެ މަނިކުފާނުގެ ސަރުކާރުގެ މަގާމުތަކަކަށް ކައުންސިލަރުން އައްޔަން ކުރެއްވުމުންނެވެ.

comment ކޮމެންޓް