ތައިލޭންޑުގައި ބިދޭސީން ގަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ދިރިއުޅުމަށް އެހީތެރިވެދޭ ނެޓްވޯކެއް އެގައުމުގެ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ، އެ ނެޓްވޯކުގެ މަސައްކަތް ފަށައިފައި ވަނީ 2012 ވަނަ އަހަރު ތައިލެންޑަށް ދިޔަ އުމުރުން 45 އަހަރުގެ ރަޝިޔާ އަންހެނަކާއި ތައިލޭންޑުގެ އަންހެނެއް ކަމަށެވެ.
ތައިލޭންޑުގެ އެ އަންހެންމީހާގެ ނަން 270 އަށްވުރެ ގިނަ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ނުވަތަ އެގްޒެކްޓިވްއެއްގެ ގޮތުގައި އޮތް ކަމަށް ފުލުހުން ބުންޏެވެ. އަދި ދިގު މުއްދަތަކަށް ބިދޭސީން އެގައުމުގައި ދިރިއުޅެން އެހީވަނީ އެ ކުންފުނިތަކުގެ ހިއްސާދާރެއް ނުވަތަ ކުންފުނީގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ހިމަނައިގެން ކަމަށް ފުލުހުން ބުންޏެވެ.
ތައިލޭންޑުގެ ގައިވާއިދުތައް ބުނާގޮތުން ބިދޭސީންނަށް ތައިލެންޑްގައި ވިޔަފާރި ކުރެވެއެވެ. ނަމަވެސް ވަކި ހާލަތްތަކެއް ފިޔަވައި އެ ވިޔަފާރީގައި ތައިލޭންޑުގެ މީހަކު ހިއްސާވާންޖެހެއެވެ. ވިޔަފާރީއެއްގައި ބިދޭސީންނަށް ހިއްސާ 49 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ގަވައިދުގައިވެއެވެ.
އެ މައްސަލައިގައި، ހުއްދަ ނެތި ވިޔަފާރި ހިންގުމުގެ ތުހުމަތު ރަޝިޔާގެ 68 މީހުން ހިމެނޭ ގޮތަށް ޖުމްލަ 98 ބިދޭސީންގެ މައްޗަށް އުފުލާފައިވެއެވެ. އެ ތުހުމަތުތަކާ ގުޅުންހުރި ދައުވާ ސާބިތުވެއްޖެ ނަމަ ހުކުމަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުމާއި އެއް މިލިއަން ބާތު ނުވަތަ 27،000 ޑޮލަރުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން ތައިލެންޑުގެ 37 މީހެއްގެ މައްޗަށް ވެސް ވަނީ އެ ނެޓްވޯކާ ގުޅުން ހުރި ކުށްތަކެއްގެ ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އިއްޔެއާ ހަމައަށް 50 ބިދޭސީއަކަށް ދައުވާކޮށްފައިވާ ކަމަށް ތައިލެންޑުގެ ފުލުހުން ބުންޏެވެ.
އޮފިޝަލުން ބުނީ އެ ނެޓްވޯކް ހިންގަން ފަށައިފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރު ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ގަވާއިދާ ޚިލާފަށް ތައިލޭންޑުގައި އުޅޭ މީހުން އިތުރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލޭންޑުގެ ޕުކެޓަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށާއި ޚާއްސަކޮށް ރަޝިއާ މީހުންގެ މެދުގައި ޕުކެޓްގެ މަގުބޫލުކަން އިތުރު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ފުލުހުން ބުނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ކުރީކޮޅަށް ޕުކެޓަށް 90،000އަށް ވުރެ ގިނަ ރަޝިޔާ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.