އަންނަ މަހު ރިލީޒްކުރާ، އަޖޭ އާއި ތައްބޫގެ ފިލްމުގެ ޓީޒާ ދައްކާލައިފި

ކުރިޔަށް އޮތް ޖުލައި މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލު ކޮށްފައިވާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ ފުރަތަމަ ޓީޒާ އިއްޔެ ދައްކާލައިފިއެވެ.

މި ފިލްމަކީ އަޖޭ ދޭވްގަން އާއި ބަތަލާ ތައްބޫ ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. މީގެ ކުރިންވެސް ތަފާތު އެކި ޖޯންރާތަކުގެ ފިލްމުތަކުން ސްކްރީނުން ފެނިފައިވާ ދެ ތަރިންގެ މިއީ 13ވަނަ ފިލްމެވެ.

ޑައިރެކްޓަރު ނީރާޖް ޕާންޑޭގެ "އޯރޯ މޭ ކަހާ ދަމް ތާ"އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޑައިރެކްޓަރު ނީރަޖް ޕާންޑޭއަކީ ކުރިންވެސް ވަރަށް ތަފާތު ހާދިސާތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި ފިލްމު "ސްޕެޝަލް 26"، "ނާމް ޝަބާނާ"، "އަ ވެނިސްޑޭ" އަދި "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ.

އަޖޭ އާއި ތާބޫ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ އިތުރުން ނީރަޖު އަންނަނީ "ސިކަންދަރު ކާ މުގައްދަރު"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އަޖޭ އާއި ތައްބޫގެ ފިލްމު ޚާއްސަ ކޮށްފައި ވަނީ މީގެ 23 އަހަރު ކުރިން ހިނގާފައިވާ ލޯބީގެ ހާދިސާއެއްގެ މައްޗަށެވެ.

މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އޮސްކާ އެވޯޑު ކާމިޔާބު ކޮށްފައިވާ ތަޖުރިބާކާރު މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާވަނީއެވެ. އަޖޭ އާއި ތައްބޫ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޯލާ"އިންނެވެ.

comment ކޮމެންޓް