ދެ އަހަރު ތެރޭ މާލެ މިސްކިތްތަކުގައި ހުންނާނީ ފަސް ތަރީގެ ރީތި ފާހަނާތަކެއް: މޭޔަރު

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އުންމީދަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސް ތަރީގެ ފާޚާނާތަކެއް އެޅުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުރި ފާހަނާތައް ފަސް ތަރީގެ ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލެ، ވިލިމާލެ ހުޅުމާލެގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުންނާނީ ފަސް ތަރީގެ ރީތި ފާހަނާތައް. ފާހަނާތައް ސާފުކޮށް ބެހެއްޓުމަކީ ގައުމެއްގެ ހަޔާތުގައި ގައުމެއް ކުރިއެރުވުމަށް ވަރަށް މުހިންމު އެއްޗެއް," މޭޔަރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ގެއެއްގެ ފާހަނާ އެ ބަޔަކު ރީތިކޮށް ގެންގުޅޭނަމަ އެ ބަޔަކީ ސާފު ތާހިރުކޮށް އުޅޭ ބަޔެއް ކަމަށެވެ.

"އެހެންވީމާ ހާއްސަކޮށް އަޅުގަނޑުމެން މިސްކިތަށް އަރައި ފާހާނާއަކަށް ވަދެލާފައި މިސްކިތަށް އަރައިގެން ދާއިރުގައި ފާހާނާ ހަޑިކޮށް، ނަޖިސްކޮށް ހުރެ، އެ ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ ވަރަށް ދެރަކަމެއް އެ ކުރެވުނީ," މޭޔަރު ވިދާޅުވިއެވެ.

އޭގެއިތުރުން، މާލެ ސަރަހައްދުގައި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މަސައްކަތެއް ކުރުމަށް އުނދަގޫ ވުމަކީ އެ މަސައްކަތެއް ހުއްޓާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި، އެކަމެއް ކާމިޔާބު ކަމާއެކު ހާސިލްކުރުމަށް ވަރުގަދަ އަތޮޅަކާއެކު މަސައްކަތް ކުރަން ޖެހޭކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

"އުނދަގޫ ވާ ވަރަކަށް އަޅުގަނޑަށް އަންނަނީ ފޯރި. އަޅުގަނޑު ބޭނުންވަނީ އިތުރަށް މަސައްކަތް ކުރަން ގަދައަޅައި. އެއީ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތި ކޮށްފައި އޮތީމާ. އެހެންވީމާ ދަތިވުމާއި އުނދަގޫވުމާއި ވަރުބަލިވުމާއި ފޫހިވުމަކީ މަސައްކަތަކަށް ނުކުމެފައި ހުންނަ މީހަކަށް އެއްވެސް ކަހަލަ އޮޕްޝަނެއް ނޫން," އާޒިމް ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މޭޔަރުވަނީ ފަތިސް ނަމާދުކޮށްގެން ވަރުގަދަ އަޒުމަކާއެކު ގަދަޔަށް މަސައްކަތްކޮށް، އެކަމަކުން އަނެކާއަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލައްވައިފައެވެ.

އެހެންނޫނީ މަސައްކަތަށް ނުކުމުގެން ނުވާނެކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އެކުވެރިކަމާއި އޯގާތެރިކަމާއި ލޯތްބަކީ މީހުންގެ ކިބަައިގައި ހުންނަން ޖެހޭ ސިފަތަކެއް ކަމަށެވެ.

comment ކޮމެންޓް