މި އަހަރު ވޭވަށު ސްކޫލުގައި ގްރޭޑް އެކަކަށް އެންމެ ދަރިވަރެއް، ކިޔަވަނީ މަލްޓިގްރޭޑްކޮށް

ވޭވަށު ސުކޫލު: މި އަހަރު ވޭވަށު ސްކޫލުގައި ގްރޭޑް އެކަކަށް އެންމެ ދަރިވަރެއް، ކިޔަވަނީ މަލްޓިގްރޭޑްކޮށް --- ފޮޓޯ/ ވޭވަށު ސުކޫލު

މިދިޔަ އާދިއްތަ ދުވަހު ފެށި، ދިރާސީ އަހަރާއެކު މ. ވޭވަށު ސުކޫލުގައި ގްރޭޑް އެކެއްގައި ތައުލީމު ހާސިލްކުރަނީ އެންމެ ދަރިވަރެއް ކަމަށް އެ ރަށު ސްކޫލުން ފާހަގަކޮށްފިއެވެ.

މި ކަމާ ގުޅިގެން "ސަން"އާ މައުލޫމާތު ހިއްސާ ކުރައްވަމުން ވޭވަށު ސުކޫލުގެ ޕްރިންސިޕަލް އަލީ ނައީމް ވިދާޅުވީ، އެ ރަށު ސުކޫލުގައި ޕްރީސުކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔަވައިދޭ ކަމަށެވެ.

މި އަހަރު ގްރޭޑް އެކަކަށް ދިޔަ ދަރިވަރަށް ކިޔަވައިދެނީ މަލްޓި ގްރޭޑްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ބައެއް ގްރޭޑްތަކުގެ ބެޗްތަކަށް މަލްޓި ގްރޭޑްކޮށް ކިޔަވާދޭން ޖެހެނީ އާބާދީ މަދުވުމުން ކަމަށާއި އެ ގޮތަށް ދިމާވަނީ ދޭތެރެއަކުން ކަމަށް ނައީމް ފާހަގަކުރެއްވިއެވެ.

ވޭވަށު ސުކޫލު ޕްރިންސިޕަލް ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން އާބާދީ އޮތް މިންވަރާ ބަލާއިރު މިހާރު ބައެއް ގްރޭޑްތަކުގައި ކުދިން އިތުރުވެފައިވެއެވެ.

ވޭވަށު ސުކޫލުގައި ދިރާސީ އަހަރު ކިޔަވާ ދޭން ފެށުން ---- ފޮޓޯ/ ވޭވަށު ސުކޫލް

"އަޅުގަނޑުމެންގެ ވެސް ހަމަ އެލްކޭޖީ ޔޫކޭޖީ އޮވޭ. ހަމަ ކިޔަވާދެމުން އަންނަނީ. އެއީ އެ ބެޗުގައި އެ އުމުރު ފުރާގެ އެންމެ ދަރިވަރެއް ހުރީ އެލްކޭޖީގަ ވެސް ޔޫކޭޖީގަވެސް. އާބާދީގެ ގޮތުން ދޭތެރެއަކުން މިހެން އުޅެލާފައި ހައެއްކަ އަށެއްކަ އަހަރު ފަހުން އެކަހަލަ ކަމެއް ދީމާވޭ،" ނައީމް ވިދާޅުވިއެވެ.

ޖުމްލަ 63 ދަރިވަރުންނާއެކު ކިޔަވައިދެމުން އަންނަ ވޭވަށު ސުކޫލުގައި މި އަހަރު ގްރޭޑް ނުވައަކަށް ކިޔަވައިދޭން ފެށީ އަލަށެވެ. އެ ގްރޭޑުގައި ކިޔަވަނީ ދިހަ ދަރިވަރުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވޭވަށު ސުކޫލަކީ މަލްޓިގްރޭޑްކޮށް ކިޔަވާ ދިނުމަށް ސެޓަޕް ހަދާފައިވާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލެވެ. އެހެންވެ، ގުރޭޑުތަކަށް ދަރިވަރުން މަދުވާ ހަލާތްތަކުގައި ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނުވެފައިވާ ވެސް ކަމަށް ނައީމް ވިދާޅުވިއެވެ.

"އެންމެ ކުއްޖަކު ހުރެގެނެއް ޓީޗަރުން ފޮނުވައިގެން ކިޔަވާދިނުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން. އެ ކުދިންނަށް ވެސް ކިޔަވާދިނުމުގައި ބައިވެރިވުމާއި ހުށަހެޅުމާއި މި ހުރިހާ ކަމެއްގައި ވެސް އުޅެވޭނީ ގިނަ ކުދިންތަކަކާ އެއްކޮށް ކިޔެވީމަ،" ނައީމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ފެށި ދިރާސީ އަހަރާއެކު ގްރޭޑް ނުވައަކަށް ކިޔަވާދޭން ފެށިކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ، މީގެކުރިން މަތީ ގްރޭޑުތަކުގެ ދަރިވަރުން ކިޔަވަމުން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވާފައި އޮންނަ ފެރީއެއްގައި މުލަކު ސުކޫލަށް ފޮނުވައިގެން ކަމަށެވެ.

އެންމެ ފުރަތަމަ އެ ސުކޫލުގައި ކިޔަވައިދިނީ ގްރޭޑް ހަޔަކާ ހަމައަށެވެ. އެގޮތުން، މީގެ ތިން އަހަރު ކުރިން ގްރޭޑުތައް އިތުރުކުރަމުން އައިސް މިހާރު އެ ސުކޫލުގައި ގްރޭޑް ނުވައަކާ ހަމައަށް ކިޔަވައިދެއެވެ. އަދި، އަންނަ އަހަރު އެ ރަށުގައި އޯލެވެލްއަށް ކިޔަވާ ދޭން ފަށާނެއެވެ.

https://sun.mv/192624

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ދަނީ ގްރޭޑަކަށް ފަހު ގްރޭޑެއް އުފައްދަމުން. ފުރަތަމަ ހަތެއް، އަށެއް، މިހާރު ނުވައެއް މި އުފެދުނީ. ދެން 2025 އަހަރު ފެށޭއިރު ގްރޭދް ދިހައެއްގައި ކިޔަވާދޭނީ،"

"2025ގެ އޮކްޓޫބަރުގަޔޭ ވޭވަށު ސުކޫލުގައި އަލަށް އޯލެވެލް ހަދަން ސްކޫލުގެ ނަމުގައި އިށީންނާނީ" އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް