މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތު ކުރިމަތިލި މީހުންގެ ގުރު އަންނަ އަންގާރަ ދުވަހު ނެގުމަށް ނިންމައިފިއެވެ.
ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ ހަތްވަނަ ދުވަހެވެ.
އެ ފުރުސަތުގައި، ގޯތި ބަދަލުކުރަން 1،913 މީހުން ހުށަހެޅިއެވެ. ނަމަވެސް 2،450 އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅީ، ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށް ބުނެ، ގޯތި ބަދަލުކުރަން ހައުސިން މިނިސްޓްރީން މިމަހުގެ ފަހެއްގައި އިތުރު ފުރުސަތެއް ދިނެވެ.
އެ ފުރުސަތުގައި ގޯތި ބަދަލު ކުރުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދު ވަނީ 2210 މީހުންނަށް އަރާފައެވެ. އެހެންވެ، ހައުސިން މިނިސްޓްރީން ބުނީ، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް އެދިފައިވާ މީހުންގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅައިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަވުމުން، ގޯތި ބަދަލުކުރެވޭނެ މީހުން ނިންމުމަށް ގުރު ނަގާނެ ކަމަށެވެ.
އެކަމާ ގުޅުވައި، މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އަންނަ އަންގާރަ ދުވަހު 12:00ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އެ ފަރާތްތަކުގެ ގުރުނެގުން އޮންނާނެ ކަމަށެވެ.
މިގޮތުން، ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންލާން ބޭނުންވާ ފަރާތްތަކުން އަންގާރަ ދުވަހުގެ 9:00 އިން 10:00 އަށް ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމަށް ގޮސްގެން އެކަން ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އެކަމަކު ލިސްޓުގައި ހިމެނޭ މީހަކަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ފޮނުވާ ފަރާތުގެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދިވެރިކޮށް ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.