ބައެއް ކުދި ރަށްރަށުން މީހުން ހުސްކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރެވޭނެ: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ހައުސިން ޔުނިޓުތައް އެޅުމާއެކު، ކައިރި ކުދި ރަށްރަށުން މީހުން ހުސްކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަން، "ރިޔާސީ ބަޔާން 2025"ގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުން އިސްކަން ދެނީ އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ މަގުން ކުރިޔަށް ދިއުމަށް ކަމަށެވެ.

އެއީ ދިވެހިރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައި ހުރުމުގެ ސަބަބުން، ކޮންމެ ރަށަކަށް ވަކިވަކިން ޚަރަދު ކުރުމަށްވުރެ އެއްފަސް ކުރުމުގެ ސަބަބުން ލިބޭ ފައިދާ ބޮޑުވާނެކަމަށް ފެންނާތީ ކަމަށް މިނިސްޓަރު ވިދާޅިވިއެވެ.

"މިސާލަކަށް ދަންނަވާނަމަ، ކުޅުދުއްފުއްޓަކީ އެ ރަށުގެ ރެޖިސްޓާޑް އާބާދީގެ އިތުރަށް [މީހުން] ދިރިއުޅެމުންދާ މަދު ރަށްތަކުގެ ތެރެއިން އެއް ރަށް. ކުޅުދުއްފުއްޓަކީ އެހެން ރަށްރަށުގެ މީހުން ދިރިއުޅުން ބަދަލުކޮށް، ދިރިއުޅުން ގާއިމްކުރާނެ ކަހަލަ ރަށެއް. އެހެން ކަމުން ސަރުކާރުން ވައުދުވެފައި އޮތީ 2،000 ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް. އޭރުން ފައިދާވާނީ ހަމަ އެކަނި އެ ރަށުގެ ރައްޔިތުންނަކަށް ނޫން. އަޅުގަނޑުމެންނަށް އެ ސަރަހައްދުގައި ހުރި ކުދިކުދި ރަށްތައް ހުސްކޮށް، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ކުރާ ރިކަރަންޓު ޚަރަދުތައް ކުޑަކުރުމަށް ޓަކައި ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ" މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް އެ ކަމުގައި ތަފާތު ގިނަ އިހުތިޔާރުތަކެއް ދީގެންނެވެ.

މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓު ސަރުކާރުން ސިފަ ކުރަނީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އަދި މި އަހަރުވެގެންދާނީ އުމްރާނީ ތަރައްގީގެ ރޮނގުން އަވަދިނެތި މަސައްކަތްކުރާ އަހަރަކަށް ކަމަށް ސަރުކާރުން ބުނެެއެވެ.

https://sun.mv/201961

މި ދައުރުގައި 85،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ އަމާޒެއް ކަނޑައަޅައިފައެވެ. އެގޮތުން 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާނެ ފަރާތެއް ހޯދަން މިދިޔަ މަހުގެ ފަހު ކޮޅު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވައިލައިފައެވެ.

comment ކޮމެންޓް