ރަސްމާލެ އެއްބަސްވުން ބާތިލުކުރީމާ ވާނެ ގެއްލުން މަޖިލީހުން ބަލަންޖެހޭ: މުއިއްޒު

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު: އޭނާ ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ހެދި އެއްބަސްވުމުގައި ހުރި ކަންކަން ހާމަކުރަން ގޮވާލައިފައި --

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް އެއްބަސްވުމާ އެއްގޮތަށް ނުކުރެވުމުން އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާއިރު، އެ ކަމުގެ ސަބަބުން ލިބޭނެ ގެއްލުން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ އެއްބަސްވުމާ އެއްގޮތައް ކަންކަން ނުދާތީ ކުންފުންޏަށް އިތުރު ފުރުސަތެއް ނުދީ އެއްބަސްވުން ބާތިލުކުރިކަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މިނިސްޓަރު އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ސީއެމްސީއަށް އިތުރު ފުރުސަތެއް ނުދޭން ނިންމީ މާލެ ސަރަޙައްދުން ބިންތަކެއް، ބިން ހިއްކާ ކުންފުންޏަށް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް މީގެ ކުރިން ސަރުކާރުން ބުނި ކަމަށެވެ. ނަމަވެސް، މީހާރު ހީވަނީ އެއީ ބަލަންޖެހޭ ކަންކަން ބަލަންޖެހޭ ވަރަށް ނުބަލާ އަވަސް އަރުވާލައިގެން ހަދާފައިވާ އެއްބަސްވުމެއްހެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/192633

"އެ މީހުންގެ މާލީ ގާބިލުކަން ނޫނީ އެހެން ކަންތައްތައް ނުބަލާ އަވަސް އަރުވާލައިގެން ސޮއިކުރެވުނު ޕްރޮޖެކްޓެއްހެން މިހާރު މި ދޭހަވަނީ،" މުއިއްޒު ވިދާޅުވިއެވެ.

މި އެއްބަސްވުން ބާތިލުކުރަން ނިންމީ ދެ ފަރާތުން ވާހަކަދައްކައިގެން ދެ ފަރާތުގެ އެއްބަސްވުމުގައިތޯ، ނުވަތަ ބަދަލެއް ދޭންޖެހޭތޯ ވެސް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަން ކަމަށް ވުމުން މި ކަމަކީ އެޓާނީ ޖެނެރަލްގެ އޮފީހުން އަދި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ، ބިން ހިއްކާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ދޭން އެއްބަސްވެގެންނެވެ. އެހެންކަމުން މިހާރު އޭގެން އެއްވެސް ބިމެއް އެ ކުންފުންޏަށް ދީފައިވޭތޯ ވެސް މުއިއްޒު ވަނީ ސުވާލުއުފައްދާފައެވެ.

"މިއީ ހަމަ ސާފުކޮށްދޭންޖެހޭ ކަންކަން،" މުއިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ފެށި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއު ފަށާފައިވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަސްރޫއު ފެށީ އަށް މަސްތެރޭ ހިއްކާ ނިންމާ ގޮތަށެވެ.

އެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރޭވިއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

comment ކޮމެންޓް