8 މަސްތެރޭގައި ރަސްމާލެ ހިއްކާ ނުނިންމޭނެ، ސަރުކާރުން އެހެން ގޮތްތަކެއް ހޯދަނީ

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުއްތަލިބު: ވިދާޅުވީ ރައީސް ވިދާޅުވެފައިވާ ގޮތަށް ރަސްމާލެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފަށާތާ އަށް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުން އަމާޒު ހިފިއިރު، އެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި ނިންމައިނުލެވޭނެ ކަމަށާއި، އެ ކަމުގައި ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.

ސަރުކާރުން ނިންމާފައި އޮތީ އެ މަޝްރޫއަށް ޚަރަދު ކުރުމުގެ ބަދަލުގައި 70 ހެކްޓަރުގެ ބިން އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދިނުމަށެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ މަޝްރޫއިން 60 ހެކްޓަރުގެ ބިމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ސަރުކާރަށް ލޯނު ނުނަގައި، އަދި ދަރަނީގެ ބުރަ ބޮޑުނުވެ، ވަރަށް ފައިދާހުރި ގޮތެއް ކަމަށެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ އަމަން ލަތީފް

"... ސަރުކާރުން ޚަރަދުނުކޮށް ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރު ދީފަ ކުރިޔަށްދާ ކަމަށްވަންޏާ، ހުޅުމާލޭގެ މިހާރުގެ އިން ރޭޓާ، ރަސްމާލެ ކަހަލަ ތަނެއްގެ މިހާރު ވިއްކާލެވޭނެ ބިމުގެ އަަގަށް ބަލައިފި ކަމަށް ވަންޏާ، ދައުލަތަށް ވަރަށް ބޮޑު ފައިދާއެއް، ގާތްގަނޑަކަށް 1،000 ހެކްޓަރުގެ ބިން މި ލިބެނީ ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެންނޭ" މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމޭނެ ތާރީހު ލަސްވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ލަސްވަނީ ކޮންޓްރެކްޓަރު ހުށަހެޅި ގޮތަށް ފައިނޭންސް ނުކުރެވިގެން ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެހެން ނަމަވެސް ކޮންޓްރެކްޓަރު ހުށަހެޅި ގޮތަށް އެ މަސައްކަތް ކުރިޔަށް ނުގެންދެވުމުން، ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ.

އެހެން ގޮތްތަކެއް ހޯދާއިރު، ދައުލަތަށް ވީހާ ވެސް ޚަރަދުކުޑަވާނެ ގޮތަކަށް، އަދި ވީހާ ވެސް އަވަހަށް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާއިރު، އެއީ، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުންވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް