މީހުންގެ ދިރިއުޅުން ހަލާކުކުރަން ސިހުރު ހެދުމާއި ސިހުރުވެރިންގެ އެހީ ހޯދައިފިނަމަ ކާފިރުވާނެ: ޚުތުބާ

ބަޔަކު ނަމާދުކުރަނީ: މިއަދުގެ ޚުތުބާގައި ވަނީ ސިހުރުގެ ނުބައިކަން ފާހަގަކޮށްފައި -- ސަން ފޮޓޯ/ ނާއިލް ހުސައިން

ކޮންމެ މަގުސަދެއްގައި ވެސް ސިހުރު ހަދައިފި ނަމަ އަދި ސިހުރުވެރިއެއްގެ އެހީ ހޯދައިފި ނަމަ، އެއީ ކުރެވޭ ބޮޑު ފާފައެއް ކަމަށާއި އެކަމުގެ ސަބަބުން މީހާ ކާފިރުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ސިހުރުގެ ނުބައިކަމުގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، މިއަދު އަހަރެމެންގެ ތެރޭގައި ފެތުރޭ ކުށްތަކުގެ ތެރޭގައި، އެ ކުށަކަަށް އަރައިގަތުމުން ދީނުން ބޭރުވާފަދަ ކުށްތައް ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުށަކީ ސިހުރު ކަމަށާއި ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވާކަމަށް ޚުތުބާގައި ބުންޏެވެ.

"ރަހުމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސް އެޅެއެވެ. ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމައާއި ވޭން ތަހަންމަލުކުރަން ޖެހެއެވެ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން އެފަދަ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ މާތް ރަސޫލާގެ މައްޗަށް ބާއްވާލެއްވި ތަކެއްޗަށް ކާފިރުވެފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ސިހުރަކީ ހަގީގަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދެ ވައްތަރެއްގެ ސިހުރު މީހުން ހަދާކަމަށެވެ. އެއީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ މައްޗަށް އޮޅުވާލުމާއި މީހުންގެ ހިތްތަކާއި ހަށިގަނޑަށް އޭގެ އަސަރު ފޯރާ ސިހުރުކަމަށް ޚުތުބާގައި ބުންޏެވެ.

"މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތައްޓާއި ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުންކުރެއެވެ. މީގެ ތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި ދެމަފިރިން ރުޅިކުރުވާ ސިހުރު ހިމެނެއެވެ،" ޚުތުބާގައި ބުންޏެވެ.

ޔަހޫދީއަކު ކީރިތި ރަސޫލާއަށް ހެދީ މި ބާވަތުގެ ސިހުރުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ފަލަޤު ސޫރަތާއި ނާސް ސޫރަތް ބާއްވާލެއްވީ މި ހާދިސާގެ ސަބަބުން ކަމަށެވެ.

ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ސިހުރުހާހޫރައާއި ދުރުވުމަށް ނަސޭހަތްތެރިވެފައެވެ. އަދި، މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިޚުލާސްތެރިކަމާ އެކު މާތްﷲއަށް ދުޢާ ދެންނެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް