ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރާ ކަމަށާއި، އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ހަވާލާދީ ބުނެފައިވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ގާތްގަނޑަކަށް ދެ ދުވަހުން އެއް ދުވަހު މީހަކު މަރުވާކަމަށެވެ.
ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ، މި ބަލިތައް ތަހަންމަލުކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގުތިޞާދަށް ކުރުން ކަމަށެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު، ދިގު މުއްދަތަށް ބަލި ތަހަންމަލްކުރަން ޖެހޭ އަދި ފަރުވާ ކުރުމުގައި ބޮޑު ހޭދައެއް ކުރަންޖެހޭ ބަލިތައް ގިނަވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ހާލަތްތައް ދިމާވެ، ވަޒީފާ އަދާނުކުރެވޭ ހާލަތުގައިވާ މީހުން ގިނަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހުމާއި، އުމުރުދުވަހަށް ފަރުވާކުރަން ޖެހޭ ސްޓްރޯކް، ހިތުގެ ބަލިތައް، ފުއްޕާމެއާ ނޭވާލައި ނިޒާމުގެ ބަލިތައް އަދި ޓީބީ ހިމެނެއެވެ.
ދުންފަތުން މުޖުތަމައު ސަލާމަތް ކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން:
- އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގަވާއިދުތަކަށް އަމަލުކުރުން އިތުރަށް ހަރުދަނާކޮށް، ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކުރުން.
- ދުންފަތަށް އަލަށް ހުށަހެޅޭ މީހުން މަދުކުރުމަށް ދުންފަތުގެ ބާވަތްތައް މާކެޓްކޮށް އިޝްތިހާރުކުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ދުންފަތާ މީހުން ދުރުކުރަން ކުރަންޖެހޭ ކަންކަން ބަލާ ދިރާސާތައްކޮށް، އެ މައުލޫމާތުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަަސައްކަތް ތަންފީޒުކުރުން.
- ދުންފަތުގެ ނުރައްކަލާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުން.
- ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރުމުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރެވޭ ގޮތަށް ޓެކްސް އިތުރުކުރަންޖެހޭ އުސޫލެއް އެކުލަވައިލާ، ޓެކްސް ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާއި ހެލްތު ޕްރޮމޯޝަނަށް ހޭދަކުރުން
- ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވާން ބޭނުންވާ މީހުންނަށްދޭ ސެޒޭޝަންގެ ޚިދުމަތް އިންތިޒާމުކުރުން
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ކުޑަކުދިންގެ ނިސްބަތް ވެސް އިތުރެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 13 އަހަރާއި 15 އަހަރާ ދެމެދުގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރެއެވެ. އެއީ, 48 އިންސައްތަ ފިރިހެން ކުދިންނާއި 43.2 އިންސައްތަ އަންހެން ކުދިންނެވެ.
ހަމައެއާ އެކު، އެ އުމުރުގެ 17.1 އިންސައްތަ ކުދިން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުން އެނގެއެވެ. އެއީ, 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިންނެވެ.
އެޗްޕީއޭގެ ކުރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުން ކުރަނީ 3.1 އިންސައްތަ ކުދިންނެވެ. އޭގެ ތެރެއިން 14.9 އިންސައްތަ ކުދިން އަލަށް ވެސް ޝީޝާ/ގުޑުގުޑާ ބޮއެފައިވަނީ 10 އަހަރުގައެވެ.
ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާއިރު، އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނަށްވާއިރު، ފިރިހެނުންގެ އާބާދީގެ 35.6 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ އާބާދީއަކީ 7.6 އިންސައްތައެވެ.