ކުޑަކުދިންގެ އާބާދީގެ 45.7 އިންސައްތަ ދުންފަތުގެ އިސްތިއުމާލުގައި

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަންތަން ކަން އަންގައިދޭ ބޯޑް-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ކުޑަކުދިންގެ 45.7 އިންސައްތަ ކުދިންނަކީ އެކި ކަހަލަ ބާވަތުގެ ދުންފަތް ބޭނުންކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު އާއްްމުކުރި އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 13 އަހަރާއި 15 އަހަރާ ދެމެދުގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރެއެވެ. އެއީ 48 އިންސައްތަ ފިރިހެން ކުދިންނާއި 43.2 އިންސައްތަ އަންހެން ކުދިންނެވެ.

ހަމައެއާ އެކު، އެ އުމުރުގެ 17.1 އިންސައްތަ ކުދިން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުން އެނގެއެވެ. އެއީ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިންނެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުން ކުރަނީ 3.1 އިންސައްތަ ކުދިންނެވެ. އޭގެ ތެރެއިން 14.9 އިންސައްތަ ކުދިން އަލަށް ވެސް ޝީޝާ/ގުޑުގުޑާ ބޮއެފައި ވަނީ 10 އަހަރުގައެވެ.

ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާއިރު، އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނަށް ވާއިރު، ފިރިހެނުންގެ އާބާދީގެ 35.6 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންގެ އާބާދީއަކީ 7.6 އިންސައްތައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 15 އަހަރާއި 29 އަހަރާ ދެމެދުގެ 20.1 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރާއިރު، 30 އަހަރާއި 44 އަހަރާ ދެމެދުގެ 29.0 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަދި 23.4 އިންސައްތަ މީހުންނަކީ 45 އަހަރާއި 65 އަހަރާ ދެމެދުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް، އެކަން ކުރާ މީހުންނާ ހެދި އޭގެ އަސަރު ކުރާ މީހުން އުޅެއެވެ. އެގޮތުން ގޭގައި ދުންފަތުގެ އިސްތިއުމާލުކުރާތީ، އޭގެ އަސަރު ކުރާ 27.1 އިންސައްތަ މީހުން އުޅޭއިރު، މަސައްކަތުގެ މާހައުލުގައި ދުންފަތް ބޭނުންކުރާތީ، އޭގެ އަސަރުކުރާ 10.4 އިންސައްތަ މީހުން އުޅެއެވެ.

ކަސްޓަމްސްއިން ހިއްސާކުރި މައުލޫމާތާ ހަވާލާދީ، އެޗްޕީއޭއިން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 328.7 މިލިއަން ރުފިޔާގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރިއެވެ. އޭގެ ތެރޭގައި ގިނައީ ބިޑި އާއި ސިގާ އަދި ސިނގިރޭޓެވެ.

comment ކޮމެންޓް