އީރާނުގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި

އީރާންގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި: ކުރިމަތިލައިފައިވާ މީހުންގެ ނަންތައް އިއުލާނު ކުރާނީ އަންނަ މަހު 11 ގައި --- ފޮޓޯ/އަލް ޖަޒީރާ

އީރާނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފައި ވަނީ އިއްޔެއެވެ. އެ ފުރުސަތުގައި ނަން ރަޖިސްޓްރީ ކުރުމަށް ފަސް ދުވަހުގެ މުއްދައްތެއް ދޭނެ ކަމަށް އީރާނުގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއެންއޭއިން ބުނީ، ރައީސްކަމުގެ މަގާމަށް މިހާތަނަށް 30 ފޯމު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ބޭފުޅަކު ޝަރުތުހަމަނުވާ ކަމަށް އައިއާރްއެންއޭ ރިޕޯޓުކޮށްފައިވެއެވެ.

ރައީސް ކަމަށް ކުރިމަތިލެވެނީ 40 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި، މަދުވެގެން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައި އޮތުމަކީ ވެސް އީރާނުގެ ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަޖެހޭ ކަމަށް އެ ގައުމުގެ ގާނޫނުން ކަނޑައަޅާފައި އޮންނަ ޝަރުތެކެވެ.

ކުރިމަތިލާ މީހުންގެ ނަންތައް އިއުލާނުކުރާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އެ ނަންތައް ފާސްކުރާނީ ރޫހާނީ ލީޑަރު ކަނޑައަޅައި 12 މެންބަރުންގެ ކޮމިޓީއަކުންނެވެ.

އީރާނުގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އަވަސްކޮށްފައިވަނީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި މި މަހުގެ 19 ވަނަ ދުވަހު އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެންނެވެ.

ރިޔާސީ އަވަރާހަވުމާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް މުހައްމަދު މޮޚްބަރު، 68، ހަވާލުކޮށްފައެވެ. އެ ގައުމުގެ ގާނޫނުއަސާސީ އޮންނަ ގޮތުން ނައިބު ރައީސުންނަކީ އިންތިޚާބުކުރާ ބައެއް ނޫނެވެ. އެހެންވެ، ރައީސް އަވަހާރަވުމުން، 50 ދުވަސް ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް