ތުއްތު ކުއްޖަކަށް ކުޅުދުއްފުށީ ހޮސްޕިޓަލުން އިހުމާލުވިކަމަށް ބުނާ މައްސަލަ ބަލަނީ

ތުއްތު ކުއްޖާގެ އަތަށް ކެނިއުލާ ގުޅަން އުޅުމުގެ ތެރެއިން މަސްގަނޑަށް ލޭ އެޅިފައި --

ޑެންގީއަށް ޕޮޒިޓިވްވެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިން އަށް މަހުގެ ތުއްތު ކުއްޖަކަށް ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އިން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީން ބުނީ މި މިއްސަލަ ބަލަން ފަށާފައިވާ ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މި ކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާ ސޯޝަލް މީޑިއާއަށް ފެންމަތިވީ އިއްޔެއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ތުއްތު ކުއްޖާގެ އާއިލާ މީހަކު ވަނީ "ސަން"އާ ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި އަށް މަހުގެ ތުއްތު ކުއްޖާ ބަލިވެގެން އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމުން ވެސް ކުއްޖާގެ އެއްވެސް ޓެސްޓެއް ހަދާފައެއް ނުވެއެވެ.

https://sun.mv/192592

ނަމަވެސް، މިދިޔަ ހޯމަ ދުވަހު އާއިލާއިން އެދިގެން ޓެސްޓު ކުރުމުން ކުއްޖާ ޑެންގީއަށް ޕޮޒިޓިވްވިކަން އެނގުނެވެ. އަދި, ކުއްޖާގެ ސިއްހީ ހާލަތު ދަށްކަން އެނގި، އައިސީޔޫގައި ފަރުވާދޭން ފެށިއެވެ.

އޭރު ކުއްޖާގެ ލެއާއި ޕްލޭޓްލެޓް ވެސް ހުރީ ވަރަށް ބޮޑަށް މަދުވެފައި ކަމަށް އާއިލާއިން ބުންޏެވެ. ކުއްޖާގެ ހާލު ދެރަވުމުން، އެރޭ 12:30ގައި ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވާލުމުގެ އިންތިޒާމުތައް ވެސް ހަމަޖެހުނެވެ.

އާއިލާއިން ބުނީ، ލޭ މަދުވުމުގެ ސަބަބުން ގުޅާފައި ހުރި ކެނިއުލާ ގުޑައިގެން ކުއްޖާގެ އަތަށް ކެނިއުލާ ގުޅިތަން ވަރަށް ބޮޑަށް ދުޅަވެފައި ހުރި މަންޒަރު ކުއްޖާގެ މަންމައަށް ފެނުނީ ފުރަން ގެންދަށް ހޮސްޕިޓަލުގެ ލިފްޓަށް އެރި ވަގުތު ކަމަށެވެ.

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ -- ކުޅުދުއްފުށި އޮންލައިން

"ބޭބީ ގެންދަން އައިސް އެ މީހުން ޗެކްކުރި ނަމަވެސް، އެ މީހުންނަށް ބޭބީ އަތަށް އެހެންވެފައި ހުރިކަން އެނގޭނެދޯ. ކެނިއުލާ ބެންޑް ވެގެން މަސްގަނޑު ތެރެއަށް ލޭ ގޮސްފައި ހުރީ،" އާއިލާއިން ބުންޏެވެ.

މިހާރު މި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭއިރު، ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

ނަމަވެސް، ކެނިއުލާ ގުޑައި އަނިޔާވި ތަން ރަނގަޅު ނުވާނަމަ ސާޖަރީ ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް